ވިޔަފާރި

މޯލްޑިވިއަންއިން ޑާކާއަށް ހަފްތާއަކު 4 ދުވަހު ދަތުރުތައް ބާއްވަނީ


މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އަންނަ ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އިތުރު ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި، މިމަހުގެ 17 އިން ފެށިގެން ޑާކާއަށް ހަފްތާއަކު 4 ފްލައިޓު ބާއްވާނެއެވެ. މޯލްޑިވިއަން އިން މިހާރު ޑާކާއަށް ބާއްވަމުން އަންނަނީ ހަފްތާއަކު 3 ފްލައިޓެވެ. އެގޮތުން އާދީއްތަ އަންގާރަ އަދި ހުކުރު ދުވަހު މިހާރުވެސް ފްލައިޓް ބާއްވާއިރު، 17 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުވެސް ފްލައިޓު ބާއްވަން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންއިން ޑާކާއަށް ސީދާ ދަތުރުތައް އަލުން ފަށަން ނިންމާފައިވާއިރު ކޯވިޑް-19އާ ގުޅިގެން ބޭރު ޤައުމުތަކަށް މޯލްޑިވިއަންއިން ކުރަމުން އައި ޝެޑިއުލް ދަތުރުތައްވަނީ މެދުކަނޑާލާފައެވެ.

ބޯޑަރުތައް ބަންދުވެ އޮތުމަށް ފަހު އަލުން ހުޅުވުމާއެކު، ފަހަކަށް އައިސް ޚާއްސަ ފްލައިޓުތަކެއް މޯލްޑިވިއަންއިން ދިޔައީ މި ސަރަހައްދުގެ ޤައުމުތަކަށް ބާއްވަމުންނެވެ. އަދި މިހާރު އިންޑިއާގެ ކޮޗިންއަށްވެސް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ.