ވިޔަފާރި

ކުރީގެ ނޫޓްތައް އައު ނޫޓްތަކަށް ބަދަލުކުރުމުގެ ފަހު ތާރީހަކީ 31 ޖުލައި


އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުރީގެ ކަރުދާސްނޫޓު ބަދަލުކުރުމަށް އެމްއެމްއޭއިން އެދިއްޖެއެވެ.

ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މައްދަތެއް ދީފައެވެ. އަދި މި ނޫޓުތައް މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އެމްއެމްއޭއިން ބުނީ މި ތާރީހުގެ ފަހުން ކުރިން ބޭނުންކުރަމުންއައި ކަރުދާސް ނޫޓުތައް ބަދަލުނުކުރެވޭނެކަމަށެވެ.

އެމްއެމްއޭއިން ބުނީ މިހާރުވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކޯވިޑް19ގެ ސަބަބުން އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއްވެސް ދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެހެންކަމުން ކަރުދާސްނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުންވެސް އެޕޮއިންޓްމަންޓް ހެއްދުމުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ޙިދުމަތެއް ޖެއްސެވުމަށްފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބަރ ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާއި ގުޅިގެންނެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތަކާއި ހިލާފަށް މިހާރު ބޭނުންކުރާ ފައިސާގެ ނޫޓްތަކަކީ ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ނޫޓްތަކެކެވެ.