ޚަބަރު

ދަނޑުވެރިކަމުން ޙާސިލް ކުރަން ބޭނުންވާ ނަތީޖާ އަދި ހާސިލެއް ނުވޭ: ގަމީރާ


ދަނޑުވެރިކަމުން ހާސިލް ކުރަން ބޭނުންވާ އެންމެ ބޮޑު އަދި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޒުވާން ދަނޑުވެރިންތަކެއް ބިނާކޮށް މިދާއިރާއަށް ނެރުން ކަމަށް ބ.އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވާ އަންހެނުންފުށީގައި ދަނޑުވެރިކަން ކުރާ ގަމީރާ އާދަމް ބުނެފިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން 2011 ވަނަ އަހަރު ޤައުމީ އިނާމާ 2012 ވަނަ އަހަރު ޔޫއެންޑީޕީން ހޮވި ޖަޒީރާ ޤައުމުތަކުގެ ނަމުނާ ދަނޑުވެރިޔާގެ އެވޯޑްގެ އިތުރުން 2013 އަހަރު ރެހެންދި އެވޯޑް ގަމީރާ ވަނީ ދަނޑުވެރިކަމުގެ ސިނާއަތުން ޙާސިލްކޮށްފައެވެ. ރާއްޖެއާ ރާއްޖެއިންބޭރުން އެވޯޑްތައް ހާސިލްކޮށްފައިވާ ގަމީރާ ބުނީ ގިނަ އެވޯޑް ތަކެއް ލިބުމުން އިޙްސާސްކުރެވޭ އުފަލަށް ވުރެ ތިމާއަށް އެނގޭ އެއްޗެއް ނުވަތަ ކަމެއް އެހެން މީހުންނަށް ކިޔައިދީ އާބަޔަކު ދަނޑުވެރިކަމުގެ ސިނާއަތައް ނެރުމަކީ މިދާއިރާއިން އޭނާ ހާސިލް ކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަންތައް ކަމަށެވެ.

ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ދަނޑުވެރިކަމަކީ ގޭގައި ތިބެގެންވެސް ކުރެވިދާނެ އަދި ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއްކަން ފާހަގަކުރަމުން ގަމީރާ ބުނީ ޒުވާނުންނާއި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ދަނޑުވެރިކަމުގެ ދާއިރާއަށް ނެރުމަށް ތަމްރީން ޕްރޮގްރާމްތަކެއް އެރަށުގައި ހިންގުމަށް ރާވަމުން އަންނަކަމަށެވެ. ގައުމު ބިނާކޮށް އިޤްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ ދަނޑުވެރިކަން ފަދަ ދާއިރާތަކުން ޒުވާނުންނަށް އޮންނަ ފުރުސަތު ފަހިކޮށްދީގެން ކަމަށްވެސް ގަމީރާ ބުންޏެވެ.

"މިދާއިރާއިން ބަޔަކު ތަމްރީންކޮށް އެނގޭ އެއްޗެއް އެހެން މީހުންނަށް ކިޔައިދިނުމުން އޭގެ ފައިދާ ކުރާނެ، އަދި ޝައުގުވެރިވެގެން މިދާއިރާއަށް ނުކުންނަ މީހުންވެސް ގިނަވާނެކަމަށް ބެލެވޭ، ދަނޑުވެރިކަމުން އެވޯޑް ތަކެއް ލިބުމަކީ އަސްލު އުފަލެއް ނޫން އެނގޭއެއްޗެއް އެހެން މީހުންނަށް އުނގަންނައި ދިނުމަކީ ލިބޭ މާބޮޑު އުފަލެއްކަމަށް ދެކެން. ދުރު މުސްތަގުބަލަށް ބަލައިފިނަމަ މީގެ ނަފާ މުޅިގައުމަށް ކުރާނެ ކަމެއް މިއީ، ރިސޯޓްތައް ގިނަވަމުން އަންނަ ވަރަކަށް މި ވިޔަފާރިން ލިބޭ ނަފާ އިތުރުވާނެތީ މިހެން ބުނީ" ގަމީރާ ބުންޏެވެ.

ގަމީރާ އާދަމް ބުނީ މި ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެއް ކަމަށާއި، ކިޔަވައިގެން ނުކުންނަ ޒުވާނުން މިދާއިރާއިން ނުފެނުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށެވެ. ދަނޑުވެރި ކަމަށް ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް 2020 ވަނަ އަހަރު ކޮށްފައިވާކަމަށާއި، އެހެންނަމަވެސް ކޯވިޑް 19އިގެ ބަލިމަޑުކަމާއި ގުޅިގެން އެމަސައްކަތް ހުއްޓިގެން ދިޔަކަމަށް ގާމީރާ ބުނެފައިވެއެވެ. އަދ މިއަހަރު އަލުން އެމަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނައިރު މިދާއިރާއިން ކުރިއަށް ދިއުމަށް ނުވަތަ ދަނޑުވެރިކަން ކުރާ ގޮތް ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެރަށުގައި ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުން އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަކަން ގަމީރާ ފާހަގަކުރިއެވެ.

"ކޮންމެ ދުވަހަކު ޓްރެއިނިން ނިންމާފަ ދިއުން ނުވަތަ ފޮނުވާލުން އެހާ ފަސޭހައެއް ނުވާނެ، އެހެން ވީމަ މިބަލަނީ މިރަށުގައި އެމީހުން މިތާ ބައި ތިއްބައިގެން ތަމްރީން ދެވޭނެގޮތެއް. އެގޮތުން މިރަށުގައި އެކޮމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭތޯ އެބަބަލަން. ﷲގެ އިރާދަފުޅާއެކު މިކަން ނިމުނުހާ އަވަހަށް މިމަސައްކަތް ފެށޭނެކަމަށް މިބަލަނީ" ގަމީރާ ބުންޏެވެ.

ބ.އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އަންހެނުންފުށި ކުއްޔަށް ނަގައިގެން ގަމީރާ މި މަސައްކަތް ކުރާތާ މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސްވަނީވެފައެވެ. މިއީ އެހާ ފަސޭހަކަމެއް ނޫންކަން ފާހަގަކުރަމުން ގަމީރާ ބުނީ މިހާހިސާބައް އާދެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިނީ އޭނާގެ ކުދިންކަމަށެވެ. އަދި މިހާރުގެ ފިރިމީހާވެސް މިމަސައްކަތުގައި ހަރަކާތްތެރިވާކަމީ މިދާއިރާއިން ބަޔަކު ތަމްރީން ކުރުމަށް ގަމީރާއަށް ހުޅުވުނު ރަނގަޅު ފުރުސަތެއްކަން ގަމީރާ ވަނީ ފާހަގަކޮށްފައެވެ.