ޚަބަރު

ދެހަފްތާފަހުން ލީގު ފެށޭތޯ މަސައްކަތް ކުރަނީ - އެފްއޭއެމް


ދެ ހަފްތާފަހުން ލީގް ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ކޯވިޑް19ގެ ކޭސްތައް މާލޭގައި އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު ފުޓުބޯޅަ ލީގުވަނީ މެދު ކަނޑާލާފައެވެ. އަދި ޓީމުތަކުގެ ފަރިތަކުރުންތައްވެސް ވަނީ ހުއްޓާލާފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި މަސައްކަތުން ހާއްސަ ގައިޑްލައިންއެއްގެ ދަށުން ޓީމުތަކުގެ ފަރިތަކުރުތައް މިދިޔަ އާދިއްތާ ދުވަހުވަނީ ފަށާފައެވެ. ޓީމުތަކަށް 3 ހަފްތާއެއްހާ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު ލީގު ފަށަން މިހާރު ގަސްތުކޮށްފައިވަނީ މިމަހުގެ 20 ނުވަތަ 21 ހިސާބުގައިކަމަށް އެފްއޭއެމްއިން މަޢުލުމާތުދިނެވެ ލީގް ފަށަން އެފްއޭއެމްއިން އެންމެ ބޮޑަށް ބޭނުންވަނީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި މިއަންނަ މަހުގައި ކުލަބް އީގަލްސް އާއި ބޫޓާން ތިންޕޫ ސީޓީ ވާދަކުރާ މެޗު އޮތުމުންނެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު މެޗަކަށްވާއިރު، އެއްވެސް މެޗެއް ނުކުޅެ ކުލަބް އީގަލްސްއަށްވެސް މިމެޗް ކުޅެން އުދަގޫވާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އަދި ލީގުގައި ވާދަކުރާ އެހެން ޓީމުތަކަށްވެސް ލީގު ނުފަށާ ލަސްވާ ވަރަކަށް މާލީ ގޮތުންނާއި ކުލަބްތަކުގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލްއަށްވެސް އަސަރުކުރާނެކަމަށް އެފްއޭއެމުން ބުނެފިއެވެ. މިމަހުގެ 20 ހިސާބުގައި ލީގު ފެށުމަށް އެފްއޭއެމްއިން މަސައްކަތް ކުރިނަމަވެސް، އެފްއޭއެމްއިން ބުނީ ލީގް ފެށޭނީ އެޗްޕީއޭއާއިއެކު މަޝްވަރާ ކުރުމަށްފަހު، އެޗްޕީއޭއިން ކަޑައަޅާ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ. އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި މިއަންނަ މަހުގެ ހަތްވަނަ ދުވަހު ކުލަބް އީގަލްސް މާލޭގައި ވާދަކުރާނީ ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީއާއެވެ. އަދި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް ގުރޫޕް ޑީގެ މެޗްތައް ހޯސްޓް ކުރުމަށް އެފްއޭއެމްއިން ކުރި ބިޑް ކާމިޔާބުކޮށް، ގުރޫޕް ޑީގެ މެޗްތައްވެސް މާލޭގައި ކުޅޭ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.