ދުނިޔޭގެ ވިޔަފާރި

ޔޫކޭގައި ކޯޕަރޭޝަން ޓެކްސް ބޮޑުކުރަނީ


2023 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބޮޑެތި ކުންފުނިތަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ބޮޑުކުރުމަށް ނިންމާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިއަހަރުގެ ބަޖެޓް ބަޔާން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަމުން އެޤައުމުގެ މާލީ ވަޒީރު ރިޝީ ސުނަކް ވިދާޅުވީ ކޯވިޑް ވެކްސިން ޕްރޮގްރާމް އިނގިރޭސިވިލާތުގައި ފަށާފައިވާއިރު، އެޤައުމުގެ ހީނަރުވެފައިވާ އިޤްތިޞާދު ލަފާކުރި ވަރަށްވުރެ އަވަހަށް ކުރިއަރާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. އެގޮތުން ކޯވިޑްގެ ކުރިން އިނގިރޭސިވިލާތުގެ އިޤްތިޞާދު އޮތް ހާލަތަށް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ދެވޭނޭކަމަށް މިހާރު ލަފާކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

ރިޝީ ސުނަކް ވިދާޅުވީ މިދިޔަ އަހަރު އިޤްތިޞާދީ ހީނަރުކަމެއްގައި އޮތުމަށްފަހު މިއަހަރު އިނގިރޭސިވިލާތުގެ އިޤްތިޞާދު 4 އިންސައްތަ ކުރިއަރާނެކަމަށެވެ. އަދި ކުންފުނިތަކަށް ދޭ އެހީތަކާއެކު ވަޒީފާއިން ކަނޑާލާ މުވައްޒަފުންގެ އަދަދުވެސް މަދުކުރެވޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސުނަކް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި އިޤްތިޞާދު އަރާސްތުކޮށް، ވިޔަފާރިތަކަށް ކުރިއެރުވުމަށް އެތައް ބިލިއަން ޕައުންޑެއް ޚަރަދުކުރުމަށް ނިންމާފައިވާކަމަށެވެ. ހަމައެއާއެކު ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޮޑެތި ކުންފުނިތަކުގެ ކޯޕަރޭޝަން ޓެކްސް 19 އިންސައްތައިން 25 އިންސައްތައަށް ބޮޑުކުރާނޭކަމަށް ސުނަކް ވިދާޅުވިއެވެ. އަދި ދައުލަތުގެ ޚަރަދުތަކުން އަހަރަކު 4 ބިލިއަން ޕައުންޑް ސަލާމަތްކުރުމަށް ނިންމާފައިވާކަމަށްވެސް އިނގިރޭސިވިލާތުގެ މާލީ ވަޒީރު ވިދާޅުވިއެވެ.

ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި ޤައުމަކަށް އިނގިރޭސިވިލާތް ވެފައިވާއިރު އެޤައުމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގައި އެޅި އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހުމުންނެވެ. އެއާއެކު މިއިން ޒަމާނަކު އެޤައުމުގެ އިޤްތިޞާދު އަޑިއަޅާނުލާވަރަށް ވަނީ އަޑިއަޅާލާފައެވެ. ނަމަވެސް އެޤައުމުގައި ވެކްސިން ދޭން ފަށާފައިވާއިރު، ކުރިއަށް ދުވަސްތަކުގެ ތެރޭގައި އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި، އިޤްތިޞާދު ހުޅުވާލެވޭނޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.