ޚަބަރު

އިމާރާތްތަކުގެ ސަލާމަތީކަންކަން ބެލުމަށް އިންސްޕެކްޝަނެއް!


މާލޭގެ އިމާރާތްތަކުގެ ސަލާމަތީކަންކަން މޮނިޓަރ ކުރުމަށް އަންނަ ހަފްތާގައި ޚާއްސަ އިންސްޕެކްޝަނެއް ފަށާނެކަން ހައުސިންގ މިނިސްޓަރީން ހާމަކުރައްވައިފިއެވެ.ހައުސިންގ މިނިސްޓްރީގެ ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހަސަން ޒަރީރު ވިދާޅުވީ، ހ. ފެންނާގޭ ލިފްޓްގޮޅިން ބަޔަކު ވެއްޓުނު ހާދިސާގެ ފަހުން ވަރުގަދަ އުސޫލުތަކުގެ ދަށުން މާލޭގައި ހެދުމަށް ހުއްދަ ދީފައިވާ ހުރިހާގެތަކަށް ވަކިވަކިން ވަދެ ޗެކްކުރުމުގެ މަރުހަލާ ފަށައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.ޒަރީރު ވިދާޅުވީ، ފެންނާގޭގައި ހިނގި ހާދިސާ ހިނގިދުވަހުން ފެށިގެން އެމައްސަލަ ބަލަން ފަށާފައިވާކަމަށާއި، އެއަށްފަހު އެގޭގެ ވެރިފަރާތާމެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް މިހާރު ބަލަމުން ދާކަމަށެވެ. އަދި މާލޭގެ ޕްލޭނިންގ ގަވާއިދު އިތުރަށް ހަރުދަނާކޮށް، އިމާރާތްކުރަމުންދާ ސައިޓްތަކަށް ޒިޔާރަތްކޮށް މޮނިޓަރކުރުމުގެ މަސައްކަތް ހަރުދަނާކުރަމުންދާކަމަށް ވިދާޅުވިއެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރ އާމިރު އަލީ ވިދާޅުވީ، ކުރިން ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދިއަ އިމާރާތް ކުރުމުގެ ދާއިރާގައި ނަގަންޖެހޭ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭގޮތުން ކުރަންޖެހޭ އިތުރު ކަންކަން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިގެންދިއުމާއެކު އެ ހިދުމަތްތައް ލުއި ފަސޭހަ ގޮތަކަށް ރައްތިތުންނަށް ފޯރުކޮށްދިނުމަށް ހައުސިންގ މނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެފަރާތްތަކުގެ ފަރުދީ ޒިންމާ އަދާކުރުމަކީ ރައްކާތެރި ގޮތުގައި އިމާރާތްކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ގޮތްކަމަށް އާމިރު ފާހަގަކުރެއްވިއެވެ.މިހާރުވެސް ޕްލޭނިންގ ގަވާއިދާއި ޚިލާފަށް ގިނަ އިމާރާތްތަކެއް ހެދިފައިވާކަމަށާއި، އެކަންކަން އެގޮތަށްވެފައިވަނީ، ކުރިން އެހުއްދަތައް  ދިންފަރާތުން ކަންކަން އެކަށީގެންވާ މިންގަޑަށް ނުކުރުމުގެ ސަބަބުންކަމަށް ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.ކުރިއަށް އޮތްތަނުގައި ގަރާޖްފަދަ ތަންތަނަށް ހުއްދަދޭ އިރުވެސް އެފަދަ ތަންތަން އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެ ފުރުސަތު ނުދެއްވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.