ކުޅިވަރު

ޔޫޓާ ޖޭޒްއާ ވާދަކޮށް ސިކްސަރސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މިސީޒަންގައި އެންމެ ފޯމްގައި އުޅޭ ދެޓީމްކަމުގައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 131 ޕޮއިންޓް 123 ޕޮއިންޓުންނެވެ.
މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 40 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގާފައެވެ. އަދި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ އެޓީމަށް 33 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 14 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދިން ވިކްޓަރ އޮލަޑިޕޯއެވެ. މީގެއިތުރުން އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ. މިމެޗްގައި ކިންގްސްގެ ބަޑީ ހީލްޑްވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީފައެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނެގި ކައިލް ކުޒްމާއެވެ. ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީފައެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދިން ސްޓެފަން ކަރީއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެލަސް މެވްރިކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 87 ޕޮއިންޓް 78 ޕޮއިންޓުން މެވްރިކްސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. ޗާލޮޓް ހޯނެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 135 ޕޮއިންޓް 102 ޕޮއިންޓުން ހޯނެޓްސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 115 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. ހަމައެއާއެކު އިންޑިއާނާ ޕޭސަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 111 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ޕިސްޓަންސްއެވެ.