ވިޔަފާރި

އެސްޓީއޯއިން މިދިޔަމަހު 78000 އަށްވުރެ ގިނަ ބަސްތާގެ ކާޑު އެކި ސަރަޙައްދުތަކަށް ފޮނުވި


މިދިޔަމަހުގެ ތެރޭގައި އެސްޓީއޯއިން 78000 އަށްވުރެ ގިނަ ބަސްތާގެ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޓީއޯއިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 78،054 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް 442 އޯޑަރެއް ވަނީ ފޮނުވާފައެވެ. މީގެތެރޭގައި އަތޮޅުތެރޭގައި ތިބި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ލިބިފައިވާ އޯޑަރުތައްވެސް ހިމެނެއެވެ. މިދިޔަމަހު އަތޮޅުތަކަށް 442 އޯޑަރު ލިބިފައިވާއިރު މީގެތެރޭގައި ހިމެނެނީ 20773 ބަސްތާ ހަނޑުލާއި، 7865 ބަސްތާ ހަކުރާއި އަދި 19014 ބަސްތާ ފުށެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1869 އޯޑަރު ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 15727 ބަސްތާ ހަނޑުލާއި، 4789 ބަސްތާ ހަކުރާއި 9886 ބަސްތާ ފުށެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ. އީސްޓޯއަކީ ކޯވިޑް19ގެ ސަބަބުން އެސްޓީއޯގެ ފިހާރަތަކަށް ނުގޮސް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެގޮތް ފަހިކުރުމުގެ ގޮތުން އެސްޓީއޯއިން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމެކެވެ.