ކުޅިވަރު

ޖަރުމަނު ކަޕްގެ ސެމީފައިނަލުން ލިޕްޒިގް ޖާގަހޯދައިފި


ޖަރުމަނު ޑީ.އެފް.ބީ. ކަޕްގެ ސެމީފައިނަލުން އާރް.ބީ. ލިޕްޒިގް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ލިޕްޒިގް ޖާގަހޯދީ ކުއާޓަރ ފައިނަލުގައި ވުލްފްސްބަރގްއާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ލިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 26 ވަނަ މިނެޓްގައި ވުލްފްސްބަރގަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އެޓީމްގެ ވޫޓް ވެގްހޯސްޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މިމެޗްގައި ލިޕްޒިގުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫސުފް ޕޯލްސަންއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ހީ ޗާން ހުވާންގއެވެ.
މިކާމިޔާބީއާއެކު ލިޕްޒިގް މިވަނީ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައެވެ. މި މުބާރާތުގެ ސެމީފައިނަލުން ހޯލްސްޓެއިން ވެސް ވަނީ ޖާގަހޯދާފައެވެ. އެޓީމް ސެމިފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލުގައި އާރް.ޑަބްލިއު. އެސެން އާއި ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.