ކުޅިވަރު

ޕެލަސް އާއި ޔުނައިޓެޑް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ޔުނައިޓެޑާއި ދެމެދުގައިވާ ފަރަގު 14 ޕޮއިންޓަށް އަރައިފިއެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމަށްވެސް އެންމެ ރަނގަޅުގޮތުގައި ހިފޭގޮތެއް ނުވިއެވެ. ޔުނައިޓެޑްގެ ފަރާތުން ފޮނުވާލި އެންމެ ރަނގަޅު ހަމަލާ ފެނިގެންދިޔައީ ފުރަތަމަ ހާފްގައި ނެމެންޔާ މަޓިޗްގެ ފަރާތުންނެވެ. މިމެޗްގައި ލަނޑު ޖެހުމަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ މެޗް ނިމެން ކައިރިވެފައިވަނިކޮށް ކްރިސްޓަލް ޕެލަސްގެ ޕެޓްރިކް ވެން އާންހޯލްޓަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރ ޑީން ހެންޑަރސަންވަނީ ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ އެއްވަނައިގާވާ ސިޓީ އާއި ޔުނައިޓެޑާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު އަނެއްކާވެސް މިވަނީ ގެއްލިގެންގޮސްފައެވެ. ޕޮއިންޓް ތާވަލްގެ ދެވަނައިގާ ޔުނައިޓެޑް އޮތް ނަމަވެސް ސިޓީ އާއި ދެމެދު 14 ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. މިދެޓީމްގެ ދެމެދުގައި މިހާ ބޮޑު ތަފާތެއް މިހުރީ ފަހަކަށް އައިސް ޔުނައިޓެޑަށް މާ އެދެވޭ ކުޅުމެއް ދެއްކެމުން ނުދާތީއެވެ. މިއީ ލީގުގައި އެޓީމް ޖެހިޖެހިގެން ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވި ތިންވަނަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެގަނަރ ސޯލްޝެއަރ ބުނީ އޭނާގެ ޓީމަށް ކޮންމެވެސް ދިމާލަކުން އަލުން ދިރުން ގެންނަން ޖެހިފައިވާ ކަމަށެވެ. ޖެހިޖެހިގެން ތިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލެވޭއިރު އޭގެ ސަބަބުން މެޗުން މޮޅުވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި ނަމަވެސް އޭނާގެ ޓީމުގެ ފަރާތުން މެޗުން މޮޅުވުމަށް ލާންޖެހޭ ހިތްވަރު ފެނިގެން ނުދާ ކަމަށް ސޯލްޝެއަރ ބުންޏެވެ. ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ގެރީ ނެވިލް ބުނީ އޭނާއަށް ޔުނައިޓެޑްގެ ކުޅުންތެރިން ރޭގެ މެޗްގައި ފެނުނީ ނިދީގައި ތިބެގެން ހިނގާ ތަން ކަމަށެވެ.

ޔުނައިޓެޑަށް މާރޗް ވެގެން ދާނީ ވަރަށް މުހިންމު މެޗްތަކަކާއި ކުރިމަތިލާން ޖެހޭ މަހަކަށެވެ. މިގޮތުން މިއަންނަ އާދިއްތަ ދުވަހު ލީގުގައި ސިޓީ އާއި ބައްދަލު ކުރާއިރު ޔޫރޮޕާ ލީގުގައި ސެރީއާގެ އޭސީ މިލާނާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލްގައި ލެސްޓަރ ސިޓީ އާއި ބައްދަލު ކުރާ މެޗްވެސް އޮތީ މިމަހުގެ ތެރޭގައެވެ. ޔުނައިޓެޑް މިހާރު 27 މެޗް ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

މިމެޗް އެއްވަރު ވުމުން ކްރިސްޓަލް ޕެލަސްއިން ލީގުގައި ދެމި އޮތުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. މިގޮތުން މިހާރު 27 މެޗް ކުޅުނު އިރު ލިބިފައިވާ 34 ޕޮއިންޓާއެކު އެޓީމް އުޅެނީ ތާވަލްގެ 13 ވަނައިގައެވެ.