ވިޔަފާރި

ކެނެރީފްއާއި ޝަންގްރިލާ، ޖުލައިމަހާއި އޮކްޓޯބަރުމަހާއި ދެމެދު ހުޅުވޭނެ


މިވަގުތު ބަންދުކޮށްފައި އޮތް ކެނެރީފް އައިލޭންޑް ރިސޯޓާއި ޝަންގްރިލާ ރިސޯޓް ޖުލައިމަހާއި އޮކްޓޯބަރުމަހާއި ދެމެދު ހުޅުވިގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާކަމަށް އައްޑޫ ޑިވެލެޕްމެންޓް ކޮމެޓީން(އޭޑީސީ) ބުނެފިއެވެ.

އައްޑޫ ޑިވެލޮޕްމެންޓް ކޮމެޓީން ވަނީ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާ ބައްދަލު ކުރައްވައި، އައްޑޫގެ ފަތުރުވެރިކަމަށް މިވަގުތު ހުރި ގޮންޖެހުންތައް ހިއްސާ ކޮށްފައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ޑިވެލޮޕްމެންޓް ކޮމެޓީން ބުނީ، އައްޑޫގެ މައި ދެ ރިސޯޓު ބަނދުވެ، އެރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ ކަނބޮޑުވުމެއް ކަމަށެވެ. އަދި މިދެރިސޯޓު އަލުން ހުޅުވުމާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް، އެހީ ތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މިނިސްޓަރއަށް ދެންނެވި ކަމަށާއި، މިކަމާއި ގުޅޭ ގޮތުން މަސައްކަތް ކުރެވެމުންދާކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިކަމަށް އޭޑީސީން ބުނެއެވެ. އެގޮތުން މިވަގުތު ބަނދުކޮށްފައިވާ ކެނެރީފް އައިލޭންޑް ރިސޯޓާއި، ޝަންގްރިލާ ވިލިނގިލި އައިލޭންޑް ރިސޯޓު، ޖުލައި އާއި އޮކްޓޯބަރ ދެމެދު ހުޅުވިގެންދާނެކަމުގެ ޔަޤީން މިނިސްޓަރ އަރުވާފައިވާކަމަށް އޭޑީސީން ބުނެއެވެ.

މިރިސޯޓުތައް ހުޅުވިގެންދާއިރު، މިހާރު މި ދެރިސޯޓުން ވަޒީފާ ގެއްލުނު ފަރާތްތަކަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ ގޮތަށް މިކަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާ ކުރެވުނުކަމަށް އޭޑީސީން ބުނެއެވެ. މީގެ އިތުރުން ދެކުނުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރްސީގެ އެހީތެރިކަން ހޯދުމާއި، އެކަމަށްޓަކައި އައްޑޫއަކީ މުހިންމު ސްޓްރެޓީޖިކް ޕޮއިންޓެއްގެ ގޮތުގައި ބަލައި މަސައްކަތްކުރުމާއި މެދުވެސް މަޝްވަރާ ކުރެވެނުކަމަށް އޭޑީސީން ފާހަގަކުރެއެވެ.

އައްޑޫގެ ދެރިސޯޓު ކަމުގައިވާ ޝަންގްރިއްލާ އަދި ކެނެރީފް ބަނދު ކުރެވިގެން ދިޔައީ ކޯވިޑް-19 އިގެ ސަބަބުންނެވެ. އޭގެ ސަބަބުން ގިނަ ބައެއް ވަޒީފާ ގެއްލިފައިވާއިރު، އެރިސޯޓުތައް އަލުން ހުޅުވޭނެ ދުވަހެއް ނޭނގުމަކީ ގިނަ ބައެއް ކަނބޮޑުވުމެކެވެ. މިދެ ރިސޯޓުގެ އިތުރުން އައްޑޫގައި ސައުތު ޕާމްގެ ނަމުގައި ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރުމުންނެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މިއަހަރު ދެކުނުގެ ފަތުރުވެރިކަމަށް އިސްކަމެއް ދެއްވާނެ ކަމަށް މީގެ ކުރީންވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތުގެ މައިގަނޑުގެ ހަރަކާތްތައް އައްޑޫގައި ބޭއްވުމަށް ނިންމާފައިވާކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.