ޚަބަރު

އައިއެސް ޖަމާޢަތުން މިފަހަރު ޙަމަލާ ދިނީ އަފްޣާނިސްތާނުގެ ނޫސްވެރިންނަށް


އަފްޣާނިސްތާނުގައި ދިން ޙަމަލާއެއްގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތިން އަންހެނުން މަރުވި ހާދިޘާގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.

އަފްޣަނިސްތާނުގެ ޖަލާލްއާބާދުގެ ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ ހަތަރު އަންހެން މުވައްޒަފަކަށް އަމާޒުކޮށް އައިއެސް ޖަމާޢަތުން ހަމަލާ ދީފައިވަނީ މާރިޗު މަހުގެ ދެވަނަ ދުވަހުއެވެ. އެމީހުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާއެއް ދީފައިވަނީ މަސައްކަތަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ. ޖަލާލުއާބާދުގެ ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ އެ ޙަމަލާ ދިނީ ހަނގުރާމަވެރި އެހެން ޖަމާޢަތެއްކަމަށްވާ ޠާލިބާނުންކަމަށް ބެލެވޭކަމަށެވެ. އެ ޙަމަލާގައި މަރުވި އުމުރުން 18 އަހަރާއި 20 އަހަރާއި ދެމެދުގެ ތިން މުވައްޒަފުންނަކީ އެނިކާސް ޓީވީގައި މަސައްކަތްކުރާ ތިން ޒުވާނުންނެވެ. އެ ޙަމަލާގައި އަނިޔާވި އިތުރު އަންހެނަކަށް ހަސްފަތާލުގައި ދަނީ ފަރުވާ ދެމުންނެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީވަނީ އެ ޙާމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ރައީސް ޣަނީގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކުށެއް ނެތް މީހުންނަށް، ޚާއްޞަކޮށް އަންހެނުންނަށް އަމާޒުކޮށް ދޭ ޙަމަލާތަކަކީ އިސްލާމް ދީނުގެ އުޞޫލުތަކާއި އަފްޣާނިސްތާނުގެ ޘަޤާފަތާއި ސުލްހަވެރިކަމުގެ ރޫޙާ މުޅިން ޚިލާފު ޢަމަލެއްކަމަށެވެ. އަދި އެފަދަ ޢަމަލުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަޝްވަރާތައް ޤަތަރުގެ ދައުހާގައި ކުރިއަށްދިޔަ ނަމަވެސް ފާއިތުވި މަސްތަކުގައި އަފްޣާނިސްތާނުގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި މަދަނީ ޖަމުޢިއްޔާތަކަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ދޭ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޞުލްޙައިގެ މަޝްވަރާތަކުގައި މާ ބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.