ޚަބަރު

ކެމިކަލް ޙަމަލާއިން ސަލާމަތްވި މީހުން ސޫރިޔާގެ ވެރިން ގޮވައިގެން ކޯޓަށް


2013ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ދިން ކެމިކަލް ހަމަލާއެއްގައި ސަލާމަތްވި ބަޔަކު އެ ޤައުމުގެ އިސްވެރިންނާ ދެކޮޅަށް ޤަނޫނީ މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ފަރަންސޭސިވިލާތުގެ ކޯޓަކަށެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލި ވިއްސިވިހާލިވެފައިވާ އެތައް ހާސް ބަޔަކު ފަރަންސޭސިވިލާތުގައި ދިރިއުޅެއެވެ. ފަރަންސޭސިވިލާތުގެ ފަނޑިޔާރުންގެ އިހްތިޞާސްގެ ތެރޭގައި ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި އިންސާނިއްޔަތާއި ޚިލާފު އެއްވެސް ޖަރީމާއެއް ހިންގާފައިވޭތޯ ބެލުން ހިމެނެއެވެ.

2013ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ޖާސޫސީ އިދާރާތަކުންވަނީ ސޫރިޔާގެ އިރުމަތީ ގޫޓާ ސަރަޙައްދަށް ސެރިން ގޭސް ބޭނުންކޮށްގެން ޙަމަލާ ދީފައިވަނީ ސޫރިޔާ ސަރުކާރުގެ އަސްކަރީ ފައުޖުތަކުންކަމަށް ނިންމައިފައެވެ. އެ ޙަމަލާގައި 1،400 މީހުންވަނީ މަރުވެފައެވެ. ނަމަވެސް ސޫރިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރެއް ބޭނުންކޮށްފައި ނުވާނެކަމަށް ބުނެފައެވެ.

2013ވަނަ އަހަރުގެ ހަމަލާއިން ސަލާމަތްވި 12 މީހުންގެ ފަރާތުން ޤާނޫނީ މައްސަލައެއް ހުށަހަޅާފައިވަނީ ފަރަންސޭސިވިލާތުގެ ސީރިއަން ސެންޓަރ ފޮރ މީޑިޔާ އެންޑު ފްރީޑޮމް އޮފް އެކްސްޕްރެޝަން، އެސްސީއެމްއިންނެވެ. އެ މައްސަލަ ހުށަހެޅުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އިތުރު ދެ ޖަމުޢިއްޔާއަކުން ބައިވެރިވެއެވެ. އެއީ ދަ އޯޕަން ސޮސައިޓީ ފައުންޑޭޝަންސް ޖަސްޓިސް އިނިޝިއޭޓިވާއި ސީރިއަން އާކައިވްއެވެ.

މައްސަލަ ހުށަހެޅި ޖަމުޢިއްޔާތަކުން ބުނީ އެ މައްސަލަ ބިނާކޮށްފައިވަނީ ވަރުގަދަ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އޭގެ ތެރޭގައި އެ ޙަމަލާގައި ގެއްލުން ލިބުނު މީހުންނާއި އެ ސަރަޙައްދުން އެހެން ސަރަޙައްދުތަކަށް ބަދަލުވެފައިވާ މީހުންގެ ހެކިބަހާއި ސޫރިޔާގެ އަސްކަރިއްޔާ އެކުލެވިފައިވާ ގޮތާއިގުޅޭ ދިރާސާތަކާއި ފޮޓޯއާއި ވީޑިޔޯގެ އިތުރުން އެހެނިހެން ހެކި ހިމެނެއެވެ. ސީރިއަން އާކައިވުން ބުނީ ތިން ޖަމުޢިއްޔާއިން އެއްކޮށްފައިވާ ހެކިތަކުން ޙަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން ހޯދިފައިވާކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސޫރިޔާގެ އޮފިޝަލުންނާއި ދެކޮޅަށް ޖަރުމަނުވިލާތުގެ ކޯޓެއްގައިވެސް އެފަދަ ޤާނޫނީ މައްސަލައެއްވަނީ ހުށަހަޅައިފައެވެ. ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ސުވިޑަނުގެ ކޯޓަކަށްވެސް އެފަދަ މައްސަލައެއް ހުށަހަޅާނެކަމަށް ބެލެވެއެވެ.