ޚަބަރު

ތިލަފުށިން ދުން އެރުމުގެ މައްސަލަ މިއަހަރު ހައްލުވާނެ: އެންވަޔަރަމަންޓް މިނިސްޓަރ


ތިލަފުށި ކުނިގޮނޑުން ދުން އެރުމުގެ މައްސަލައަށް މިއަހަރުގެ ނިޔަލަށް ހައްލެއް ލިބޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ތިލަފުށީގައި މެހި އާލާވެ، ދުން އެރުމުގެ މައްސަލައާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވީ މިހާތަނަށް އެ މައްސަލަ ހައްލެއް ލިބިފައިނުވަނީ މީގެ ކުރިން އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުގެ ސަބަބުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލުކުރުމަކީ ނިސްބަތުން ބޮޑު، އަދި ހަރަދުވެސް ބޮޑު މަސައްކަތެއްކަމަށާއި، ތިލަފުށީ ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައިވެސް ހުޅު ރޯވެ، އަނދަމުންދާ ތަނަކަށްވާތީ އެކަމަށް ޚާއްސަ މެޝިނަރީ ނެތި، އެކަން ހައްލު ނުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވި މިހާރު އެތަނުގެ ހާލަތު އޮތްގޮތުން ފެން އަޅަގައިގެން އަލިފާން ނިއްވުމަކީ އޭގެ ނުރައްކާ ބޮޑު ކަމެއްކަަމަށާއި، އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވަނީ އެކަން ކުރުމަށް މިދިޔަ އަހަރު ގެނައުމަށް މަސައްކަތްކުރި މެޝިނާރީތަކާއި އާލާތްތައް ކޯވިޑްގެ ސަބަބުން ނުގެނެވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ މެޝިންތައް ރާއްޖެ ގެނެވިފައިވާކަމަށާއި، ބާކީ ހުރި ތަކެތި މެއި މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެތަނަކީ ބަޔޯޑީގްރޭޑަބަލް ކުނި ޖަމާކުރަމުންދާ ތަނެއް. އެހެންކަމުން މިފަދަ ތަކެތި ކުނިވެ ފަނާވެ ދިއުމުގައި އުފެދޭ ފުޅައިގެ ސަބަބުން މެހި އާލާވޭ، އަދި އަށަގަންނަ ބެކްޓީރިއާގެ ސަބަބުން ކުނިގޮނޑުގެ އެކި ހިސާބުތަކުގައި މީތެއިން ގޭސް އުފެދޭ. އޭގެ ސަބަބުން އަލިފާން ރޯވަމުން ދާކަން ވަނީ ފާހަގަކުރެވިފައި."

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މެޝިނަރީތައް ރާއްޖެ ގެނެވި މަސައްކަތް ފެށުމުން މިއަހަރުގެ ނިޔަލަށް ތިލަފުށިން ދުން އަރާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ. ތިލަފުށީގައި ކުނި ގިނަވެ ނައްތާނުލެވިފައިވާ މައްސަލައަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ މައްސަލައަށްވެސް 2023ގެ ނިޔަލަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

1997 ވަނަ އަހަރުން ފެށިގެން ތިލަފުށްޓަށް ކުނި ޖަމާކޮށް ކުނި އަންދަމުން އަންނައިރު، އެކަމުގެ ސަބަބުން ދުން އަރައި މެއްސާއި އެނޫންވެސް ތަކެތީގެ އުނދަގޫ ވަނީ ބޮޑުވެފައެވެ. މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުނިގެންދާ ތިލަފުށްޓަށް ކުނި ގިނަވެ، އެސަރަހައްދުގެ ތިމާވެށްޓަށްވެސް އަންނަނީ ނޭދެވޭ އަސަރުކުރަމުންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ތިލަފުއްޓަށް އުފުލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކައިރި ރިސޯޓުތަކުން ގެންނަ ކުންޏާއެކު ދުވާލަކު އެވްރެޖްކޮށް 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. މިކުންޏާއެކު ރަށްރަށުން އެތައް ޒަމާނެއްވީ ކުނި ތިލަފުއްޓަށް ގެންގޮސް މެނޭޖްކުރުމަކީ ވާނެކަމެއް ނޫންކަމަށް އެންވަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިކަން ޙައްލުކުރުމަށް ޒޯންތަކަކަށް ބަހާލައިގެން ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ތަރައްޤީކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތިލަފުށީގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށްޓަކައި އެތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.