ކުޅިވަރު

ބާޓޮމެއު 24 ގަނޑިއިރަށްފަހު ދޫކޮށްލައިފި


ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު 24 ގަނޑިއިރަށްފަހު ދޫކޮށްލައިފިއެވެ. ކެޓަލޯނިއާގެ ފުލުހުން ބާޓޮމެއު ހައްޔަރުކޮށްފައިވަނީ ހޯމަދުވަހުއެވެ.

ބާސެލޯނާގެ ކޯޓުން ބާޓޮމެއު ދޫކޮށްލާފައިވަނީ ކޯޓުގައި ވާހަކަދެއްކުމަށް އިންކާރުކޮށް، ގާނޫނުގައި ބުނާ ހަނުހުރުމުގެ ހައްގު ބޭނުން ކުރުމުންނެވެ. ބާސެލޯނާގެ ކޯޓުން ބާޓޮމެއު ދޫކޮށްލާފައިވާއިރު، އޭނާގެ ލޯޔަރާއެކު ކޯޓަށް ހާޒިރުވުމަށް ފަހުން ތާރީހެއް އަންގާނެކަމަށްވަނީ ބުނެފައެވެ. ކެތަލޯނިއާގެ ފުލުހުން ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔާރުކޮށްފައިވަނީ އޭނާގެ ދައުރުގައި ބާސެލޯނާއިން ބާޓެމެއު ދިފާޢުކޮށް، ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި ބާޓޮމެއުއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަގުވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. މިކަން ބާޓޮމެއު ކޮށްފައިވަނީ ކުންފުންޏެއްގެ އެހީގައެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއަށް ކުޅުންތެރިން ގަތުމުގައިވެސް ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ޖެރާޑް ޕީކޭ އަދި ކުރީގެ ކުޅުންތެރިންކަމަށްވާ ޒަވީ ހެނާންޑޭޒްއާއި ކާލްސް ޕުޔޯލް އަދި ބާސެލޯނާގައި ކާމިޔާބުދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗް ގާޑިއޯލާގެ އަގުވައްޓާލަން ބާޓޮމެއު މަސައްކަތް ކޮށްފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިކަންކުރުމަށް ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު މަސައްކަތް ކުރަމުންދިޔަ ކުންފުންޏަށް ބާސެލޯނާއިން ހަރަދު ކުރި މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މިމައްސަލަތާކާގުޅިގެން ބާޓޮމެއުގެ އިތުރުން މިކަމާއި ގުޅުންހުރި ފަސް މީހަކުވެސް ކެތަލޯނިއާގެ ފުލުހުން ހައްޔަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.