ކުޅިވަރު

ޖަރމަން ކަޕްގެ ސެމީފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަ ހޯދައިފި


ޖަރމަން ޑީ.އެފް.ބީ. ކަޕްގެ ސެމީފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ޑޯޓްމުންޑް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ޑޯޓްމުންޑް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖެހީ މާކޯ ރޮއިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑަން ސަންޗޯއެވެ. މިމެޗްގައި ދެޓީމުން ޖެހި ދެ ލަނޑެއް ވަނީ ވީއޭއާރު އިިން ބެލުމަށްފަހު ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.

މިއީ ބޮރޫޝިއާ މުންޗެގްލަޑްބެކްގެ ކޯޗު މާކޯ ރޯސް މިއަންނަ ސީޒަންގައި ޑޯޓްމުންޑްގެ ކޯޗް ކަމާއި ހަވާލުވާކަން އިޢުލާން ކުރިފަހުން އެޓީމް ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލްގެ ދެމެޗެއް މިރޭވެސް ކުޅޭނެއެވެ. މިގޮތުން އާރް.ޑަބްލިޔު. އެސެން އާއި ހޯލްސްޓެން ބައްދަލުކުރާއިރު އާރް.ބީ. ލިޕްޒިގް ބައްދަލުކުރާނީ ވުލްފްސްބަރގްއާއެވެ. މި މުބާރާތުގައި ރެގެންސްބަރގް އާއި ވަރޑަރ ބްރޭމެން ބައްދަލުކުރަން އޮތް މެޗްވަނީ ފަސްކޮށްފައެެވެ.