ކުޅިވަރު

ޔޫވެންޓަސް އޭސީ މިލާނާއި ތިން ޕޮއިންޓަށް ގާތަށް


އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެޒިއާ ބައްދަލުކުރިމެޗް ޔޫވޭ ކާމިޔާބުކޮށްފިއެވެ. ޔޫވޭގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވެންޓަސްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ޔުވެންޓަސްގެ އަލްވާރޯ މޮރާޓާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ 9 މިނެޓް ފަހުން ޖަހައިދިނީ ފެޑެރީކޯ ކިއޭޒާއެވެ. މިމެޗްގައި ޔުވެންޓަސްގެ ފަހު ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހައިދިނީ 600 ވަނަ ލީގު މެޗް ކުޅެމުންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. ރޮނާލްޑޯ ވެފައިވަނީ ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު ވޭތުވެދިޔަ 12 ސީޒަންގައި މަދުވެގެން ވިހި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިކާމިޔާބީއާއެކު ޔުވެންޓަސްއަށް މިހާރުވަނީ ކުޅުނު 24 މެޗުން 49 ޕޮއިންޓް ލިބިފައެވެ. އަދި މިކާމިޔާބީއާއެކު އެޓީމް މިވަނީ ދެވަނައިގާ އުޅޭ އޭސީ މިލާނާއި ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި މިމެޗުން ބަލިވުމުން ސްޕެޒިއާ ވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައަށް ވެއްޓިފައެވެ.