ކުޅިވަރު

ސަންސް އާއި ލޭކަރސް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސަންސް ކާމިޔާބުކުރީ 114 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން މިކާލް ބްރިޖެސްއެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދިން ލެބްރޮން ޖޭމްސްއެވެ.
މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރި މެޗް ސެލްޓިކްސް ކާމިޔާބުކުރީ 117 ޕޮއިންޓް 112 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ކެމްބާ ވޯކަރވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކްލިޕަރސްގެ ޕޯލް ޖޯޖުވަނީ އެޓީމަށް 32 ޕޮއިންޓް ހޯދައިދީފައެވެ. މީގެއިތުރުން މެމްފިސް ގްރިޒްލީސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ އެޓީމަށް 35 ޕޮއިންޓް ހޯދައިދީ 10 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑް ވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީ 15 އެސިސްޓް ކޮށްފައެވެ.

ސެން އެންޓޯނިއޯ ސްޕަރސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްގެ ޑެޖޫންޓޭ މަރީވަނީ އެޓީމަށް 17 ޕޮއިންޓް ހޯދައިދީ ފައެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދިން އިމަނުއެލް ކުއިކްލީއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 97 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 94 ޕޮއިންޓް 80 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ.