ޚަބަރު

ހަތް މަސްދުވަސް ތެރޭ، އުނގޫފާރު ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރަނީ


ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި ރ.އުނގޫފާރު ހޮސްޕިޓަލް ޓަރޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭނުގައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާ، އެތައް މަސައްކަތެއް މިވަގުތުވެސް ކުރިއަށްދާކަމަށެވެ.

މިވަގުތުވެސް އެހޮސްޕިޓަލުގައި ލޮލުގެ ޑިޕާޓްމަންޓަށް ބޭނުންވާ ވަޞީލަތްތަކާއި އައިސީޔޫއާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ލެބޯޓަރީއަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްފައިވާކަން ރައިސްވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރަށް އެމްއާރްއައިގެ ޚިދުމަތާއި ސީޓީ ސްކޭނާއި ޑެންޓަލް ޑިޕާޓްމަންޓަށް ބޭނުންވާ އިތުރު ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓުން 17އިން 26އަށް އިތުރުކޮށް، އެހެނިހެން މުވައްޒަފުންގެ ޢަދަދު 183އކުން 220އަށް އިތުރުކޮށްފައިވާކަންވެސް ރައިސް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުކުރުމާ ގުޅިގެން ބާރުބޮޑުވި އެސްހޮސްޕިޓަލަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ނ، ރ، ބ، ޅ މި އަތޮޅުތަކުން 61،000އަށްވުރެ ގިނަ މީހުން އުނގޫފާރު ހޮސްޕިޓަލުގެ ޚިދުމަތް ހޯދާފައިވެއެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގެ އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައިސްވަނީ ރ.އަތޮޅަށް އިތުރަށް އެއަރޕޯޓެއް ބޭނުންވާކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މި އެއަރޕޯޓު ހެދުމަަށް އެންމެއެކަށޭނަ ސަރަޙައްދެއް ބަލައި އެމަސައްކަތް ކުރައްވާނެކަމަށް ރައިސް ވިދާޅުވިއެވެ.

ރަށްވެހި ފަތިސް ކޭމްޕޭނުގައި ރ.އަތޮޅަސް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި އެއަތޮޅުގެ ކައުންސިލްތަކުންވަނީ ރަށްރަށަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ސުވާލު ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އެއަތޮޅުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ކައުންސިލްތަކާ ޙިއްސާކުރައްވާފައެވެ.

އެގޮތުން ބިން ހިއްކުމާއި ގޯތި ދޫކުރުމާއި ގެދޮރުވެރިކުރުވުމާއި ބަނދަރު ހެދުމާއި މަގުހެދުން ފަދަ ޚިދުމަތްތަކާ ގުޅޭ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި އެއަތޮޅުގައި ފެށިގެންދާނެކަމަށް ރައިސް ވިދާޅުވިއެވެ.

ރ.އަތޮޅުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 156 މަޝްރޫޢު އެއަތޮޅުގައި ހިންގާފައިވާއިރު މިމަޝްރޫޢުތަކަށް 620 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ.