ކުޅިވަރު

މެދުކެނޑުނަސް މިނިވަން 50 ޗެމްޕިއަންޝިޕް ޖެނުއަރީގައި ނިމޭނެ


މިނިވަން 50 ޗެމްޕިއަންޝިޕް މެދުކެނޑުނު ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީމަހު މުބާރާތް ނިންމާލެވޭނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ އިންތިޚާބާއި ގުޅިގެން މެދުކަނޑާލާފައިވާ މުބާރާތް ނިންމާގޮތަށް ކުރިން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ އައްޑޫ ސިޓީގައި ކުޅޭ ފައިނަލް ބުރުގެ މެޗުތަކުންނެވެ. މެދުކަނޑާލާފައިވާ މުބާރާތް މިމަހުގެ 13 ވަނަ ދުވަހު އަލުން ފަށަން އެފްއޭއެމްއިން ވަނީ ނިންމާފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދެން އިތުރު މައްސަލައެއް ދިމާ ނުވެއްޖެ ނަމަ މިހާރުވެސް ތާވަލްކޮށްފައިވާ ގޮތަށް ޖެނުއަރީ މަހު މުބާރާތް ނިމޭނެކަމަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޕްރެޒިޑެންޓްކަޕުންވެސް ޖާގަ ލިބޭނެއެވެ. މުބާރާތް ކުރިއަށް ގެންދަނީ ހޯމް އެންޑް އަވޭ އުޞޫލުންނެވެ. ނަމަވެސް ފައިނަލް ބުރު ކުޅޭނީ އައްޑޫ ސިޓީގައެވެ.ބައެއް އަތޮޅުތަކުގެ ޗެމްޕިއަން ޓީމް މިހާރުވެސް ވަނީ ކަނޑައެޅިފައެވެ.