ޚަބަރު

އަނަސްގެ މަރާ ގުޅޭ ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތްކުރިއަށް އެބަދޭ - ރައިސް


އަނިޔާވެރިގޮތަކަށް 2017ވަނަ އަހަރުގެތޭގައި މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރާ ގުޅޭ ތަޙުގީގު ނިންމައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ވަރަށް އަވަހަށް ރިޕޯޓު ޢާއްމުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރ.މީދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައިސްވަނީ 2017ވަނަ އަހަރު އަނިޔާވެރިކޮށް މަރާލާފައިވާ ރ.މީދޫ މުޙައްމަދު އަނަސްގެ މަރުގެ ތަޙުގީގާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހާމަކުރައްވާފައެވެ.

މިހާރު މިމައްސަލައިގެ ތަޙުގީގުގެ ބޮޑުބައެއް ނިމިފައިވާކަމަށާ މިވަގުތު އިންތިޒާރުކުރަމުން އަންނަނީ މައްސަލައާގުޅޭ ފޯނަކާ ގުޅޭ ފޮރެންސިކް ހެކިތަކެއް ހޯދުމަށްކަމަށް ރައިސްވަނީ ވިދާޅުވެފައެވެ. އެގޮތުން މިފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ހޯދަންޖެހޭ ބައެއް ފޮރެންސިކް މަޢުލޫމާތު ލިބުމާއެކު ރިޕޯޓު އެކުލަވާލައި ޢާއްމުކުރުމަށް މކޮމިޝަނުން ނިންމައި އެމަޢުލޫމާތު ދެއްވާފައިވާކަމަށް ރައިސް ވިދާޅުވިއެވެ.

އަނަސްގެ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރޭ ސައިކަލުތަކެއްގައި އައިބަޔަކަށް ފިލަން އޭނާ ދުވެފައިގޮސް ހެންވޭރު ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށްފަހުގައެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައިވާއިރު އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަޙްމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު ޢަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ.ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، ތ.ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މީގެއިތުރުން ދަޢުވާއަށް ފޮނުވި އިރު އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުލަތުންވަނީ ދަޢުވާކޮށްފައެވެ.

މިމަރާއި ގުޅިގެން ގިނަބަޔަކު އަނަސްއަށް އިންސާފު ހޯދުމަށް ސަރުކާރުގައި އެދިފައިވާއިރު ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އަންނަނީ މިމައްސަލަ ބައްލަވަމުންނެވެ.