ޚަބަރު

ނައިޖީރިޔާގައި ވަގަށް ނެގި ހުރިހާ ކުދިން ދޫކޮށްލައިފި


ނައިޖީރިޔާގެ މަދަރުސާއަކުން ވަގަށް ނަގައިގެން ގެންދިޔަ 279 އަންހެން ދަރިވަރުން ދޫކޮށްލައިފިއެވެ.

ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގެ ދަންވަރު ހަތިޔާރު އެޅި ބަޔަކުވަނީ ޖެންގެބޭ ކިޔާ އަވަށުގައި ހުންނަ ގަވަމަންޓް ގާލްސް ސައިންސް ސެކަންޑަރީ ސްކޫލަށް ވަދެ ބަޑި ޖަހައި ބިރުދެއްކުމަށްފަހު 317 ދަރިވަރުން ވަގަށް ނަގާފައެވެ. ނައިޖީރިޔާގެ ފުލުހުން އޭރު ބުނެފައިވަނީ ވަގަށް ނަގާފައިވާ ކުދިންގެ ތެރެއިން ބައެއް ކުދިން ފޮރުވާފައިވަނީ ގަސްބޯ ޖަންޖައްޔެއްގައިކަމަށް ބެލެވޭކަމަށެވެ.

އެ ޙާދިޘާ ހިނގި ޒަންފާރާ ސްޓޭޓުގެ ތަރުޖަމާނު ސުލައިމާން ތަނާއު އަންކާ ވިދާޅުވީ ވަގަށް ނެގި 317 ކުދިންގެ ތެރެއިން ބައެއް ކުދިން އެ ޙާލަތުން އަމިއްލައަށް ސަލާމަތްވެފައިވާކަމަށެވެ. އެހެންކަމުން ވަގަށްނެގި މީހުންގެ ބެލުމުގެ ދަށުގައި ތިބީ 279 ކުދިންކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ކުދިން މިހާރު ދޫކޮށްލާފައިވާކަމަށް ޒަންފާރާގެ ގަވަރުނަރު، ބެއްލޯ ނަތަވައްލޭވަނީ ޔަޤީންކޮށްދެއްވައިފައެވެ. ވަގަށް ނެގި ކުދިންގެ ތެރެއިން ގިނަ ކުދިންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމަކަށް ނުބެލެވެއެވެ. ނަމަވެސް ގާތްގަނޑަކަށް 12 ވަރަކަށް ކުދިންވަނީ ހަސްފަތާލުން ފަރުވާ ދީފައެވެ.

ނައިޖީރިޔާގެ މަދަރުސާތަކަށް ވަދެ ކުދިން ވަގަށް ނެގުމަކީ ބޯކޯ ހަރާމްއާއި އައިއެސްގެ ހުޅަނގު އެފުރިކާ ޕްރޮވިންސު ޖަމާޢަތުން ޢާންމުކޮށް ކުރާކަމެކެވެ. ނަމަވެސް ހުޅަނގު އުތުރުގައި ޙަރަކާތްތެރިވާ އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުންވެސް މިހާރުވަނީ އެފަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ބެލެވޭ ގޮތުގައި ނައިޖީރިޔާގައި އެފަދަ ޙަމަލާތައް އިތުރުވެފައިވަނީ ވަގަށް ނަގާ ކުދިން އަނބުރާ ހޯދުމަށް ސަރުކާރުން އެފަދަ ޖަމާޢަތްތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދޭތީއެވެ.

ނައިޖީރިޔާގައި ކުދިން ވަގަށް ނެގުމުގެ އެންމެ ބޮޑު ހާދިޘާއެއް ހިނގާފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ބޯކޯ ހަރާމުންވަނީ ނައިޖީރިޔާގެ ޝިބޮކުގެ މަދަރުސާއަކުން 270 ދަރިވަރުން ވަގަށް ނަގައިފައެވެ. އޭގެ ތެރެއިން 100އެއްހާ ކުދިންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.