ވިޔަފާރި

ވިހަފަރު ފަޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ޕްލޭންތަކެއް


ނ އަތޮޅުގައި އޮންނަ ވިހަފަރު ފަޅު ހިއްކައިގެން ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަށް އެފަޅު ތަރައްޤީކުރުމަށް ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެެ.

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަކީ ދާދިފަހުން ޓޫރިޒަމް ޤާނޫނަށް ގެނެސްފައިވާ އިސްލާޙްތަކުގެތެރޭގައި ހިމެނޭ ކޮންސެޕްޓެކެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަށް އަދި އިންޓަރގްރޭޑަޓް ރިސޯޓް ޑިވެލޮޕްމަނަޓް ކޮންސެޕްޓަށް ފަތުރުވެރިކަން ތަރައްޤީކުރުމުގައި ބަލާނީ ބައިނަލްއަޤްވާމީ އެއަރޕޯޓްތައް ތަރައްޤީކޮށްފައިވާ އަތޮޅުތަކަށް ކަމަށެވެ. އެގޮތުން ނ.މާފަހު އެއަރޕޯޓަކީ ކުރިއަރަމުން އަންނަ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށްވުމުން ނ.އަތޮޅުގައި މިފަދަ ކޮންސެޕްޓުތަކަށް ފަތުރުވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މި ބަލަނީ އެ ޕްރޮޖެކްޓްސްތައް ހިންގަން އިންޓަރނޭޝަނަލް ފުލީ ފަންގްޝަނިންގް އިންޓަރނޭޝަނަލް އެއަރޕޯޓްތަކެއް އުޅޭ ދިމާތަކަށް، އެގޮތުން އެއް ދިމާލަކީ މާލެ އަތޮޅު އަނެއް ދިމާލެއްގެ ގޮތުގައި މިބަލަނީ ނ.އަތޮޅު، އަޅުގަނޑުމެން ބަލަމުންދާ އެއް ޕޮޒިބިލިޓީ ވިހަފަރު ފަޅުގައި މިކަހަލަ ޑިވެލޮޕްމަންޓެއް ގެނައުން،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އުތުރުން، ހަނިމާދޫ ސަރަޙައްދުގައިވެސް މިފަދަ ޕްރޮޖެކްޓްތައް ކުރިއަށްގެންދިޔުމަށް އެކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ޓޫރިޒަމްގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި ގެސްޓްހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެންވެސް ސަރުކާރުގެ ޢާމްދަނީ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ.