ވިޔަފާރި

ޑިމާންޑު ރަނގަޅުވުމުން ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި


ޑިމާންޑު ރަނގަޅުވުމުން ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ފަހުކޮޅުއެވެ. އޭރު ރާއްޖެއަށް ބާއްވަމުން އައިސްފައިވަނީ ހަފްތާއަކު ހަތަރު ދަތުރެވެ. އެއަށްފަހު ރާއްޖެއަށް ބާއްވާ ދަތުރުތަކުގެ އަދަދު ވަނީ 6 އަށް އިތުރުކޮށްފައެވެ. އަދި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަފްތާއަކު 11 ދަތުރު ރާއްޖެއަށް ބޭއްވުމަށް ފްލައިދުބާއީން ވަނީ ނިންމާފައެވެ.

ފްލައިދުބާއީއިން ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފްލައިދުބާއީގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ފްލައިދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ ރާއްޖެއަށް ރަނގަޅު ޑިމާންޑެއް އޮތުމުން ކަމަށެވެ. އެގޮތުން ފްލައިދުބާއީގެ ފްލައިޓްތައް ރާއްޖެއަށް އަންނަނީ އާއްމުކޮށް 80 އިންސައްތަ ފުލްކޮށްކަމަށް ފިރާޤް ފާހަގަކުރެއްވިއެވެ. ފްލައިދުބާއީން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރަނީ ބޮއިންގ 800 - 737 މަރުކައިގެ، 184 ގޮނޑީގެ މަތިންދާ ބޯޓެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް ދަތުރުތައް ފަށާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 30 އެއަރލައިންއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރ ދަތުރުތައް ބާއްވާ 7 އެއަރލައިންއެކެވެ.

ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު ފެބްރުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ނަމަވެސް ފެބްރުއަރީމަހު ރާއްޖެ އައީ 98881 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4778 ފަތުރުވެރިންގެ އިތުރުވުމެކެވެ