ދުނިޔެ

ހިތުގެ ތަހުލީލުތަކެއް ހެދުމަށް ޕްރިންސް ޕިލިޕް އެހެން ހަސްފަތާލަކަށް


ހަސްފަތާލުގައި އެނދުމަތިކޮށްފައިވާ އިނގިރޭސި ރާނީ އެލިޒަބެތުގެ ފިރިކަލުން އަދި ޑޫކް އޮފް އެޑިންބަރގް، ޕްރިންސް ފިލިޕް އެހެން ހަސްފަތާލަކަށް ބަދަލުކޮށްފިއެވެ.

އުމުރުން 99 އަހަރުގެ ޕްރިންސް ފިލިޕްގެ ޞިއްޙީ ޙާލަތު ރަނގަޅު ނޫންކަމަށް ފާހަގަވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ލަންޑަންގައި ހުންނަ ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ ހަސްފަތާލުގައި ޕްރިންސް ފިލިޕް ފަރުވާ ހޯއްދެވީ އިންފެކްޝަނަކަށްކަމަށްވެއެވެ.

ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލެސުން ބުނީ ޕްރިންސް ފިލިޕް މިހާރު ސެއިންޓް ބާތޮލޮމިއު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ. އެ ހަސްފަތާލަކީ ހިތުގެ ބަލިތަކަށް ޚާއްޞަ ހަސްފަތާލެކެވެ. އެ ހަސްފަތާލުގައި ހިތުގެ އެކި ތަހުލީލުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބަކިންހަމް ޕެލެސްއިން ބުނީ ޕްރިންސް ފިލިޕްއަށް ދެމުންދާ ފަރުވާތައް މަސައްކަތްކުރަމުންދާކަމަށާއި، މި ހަފުތާ ނިމެންދެން ހަސްފަތާލުގައި މަޑުކުރައްވަން ޖެހޭނެކަމަށް ބެލެވޭކަމަށެވެ.

މީގެ ކުރިންވެސް ޕްރިންސް ފިލިޕްވަނީ ޞިއްޙީ އެކި މައްސަލަތަކާއި ގުޅިގެން ހަސްފަތާލުގައި ފަރުވާ ހޯއްދަވާފައެވެ. އެގޮތުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއްގެ އިތުރުން ހިތުގެ މައްސަލައަކާއި ގުޅިގެންވެސް މީގެ ކުރިން ޕްރިންސް ފިލިޕް ވަނީ އެނދުމަތިކޮށްފައެވެ.