ކުޅިވަރު

ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރިމެޗް އެއްވަރު


ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެޓީމް އެއް ލަނޑު އެއް ލަނޑު އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ ރެއާލް މެޑްރިޑެވެ. މިގޮތުން މިހާފްގައި އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއްވެސް ލިބި ބޭކާރު ވެގެން ދިޔައެވެ. މިމެޗްގެ ދެވަނަ ހާފްގައި ސޮސިއެޑާޑުންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 55 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ލީޑު އެޓީމުން ނެގިއެވެ. އަދި މިލަނޑާއެކު ސޮސިއެޑާޑް މިމެޗުން މޮޅުވާން ދަނިކޮށް ރެއާލްއަށް މެޗްގެ ނަތީޖާ ހަމަހަކޮށްދިނީ މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިނީޝިއަސް ޖޫނިއަރއެވެ. މިއީ އޭނާ ރެއާލްއަށް ކުޅުނު 100 ވަނަ މެޗެވެ.

މިމެޗް އެއްވަރު ވުމުން ރެއާލްއަށް ޕޮއިންޓް ތާވަލްގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މިވަނީ ނަގާލާފައެވެ. ރެއާލް މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. ދެވަނައިގާ އުޅޭ އެފް.ސީ. ބާސެލޯނާއަށްވެސް 53 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލަށް ބަލާއިރު ކުރި ހޯދައިގެންނެވެ. މިމެޗުން ބަލިވުމުން ސޮސިއެޑާޑް އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.