ދުނިޔެ

ކޮރަޕްޝަން ސާބިތުވެ ފްރާންސްގެ ކުރީގެ ރައީސް 3 އަހަރަށް ޖަލަށް


ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ނިކޮލާ ސަރުކޯޒީގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. މިއީ ފަރަންސޭސިވިލާތުގެ ރައީސަކާއި ދެކޮޅަށް ފަހުގެ ތާރީޚެއްގައި ކޮރަޕްޝަންގެ ތުހުމަތެއް ސާބިތުވި ދެވަނަ ފަހަރެވެ.

2007ވަނަ އަހަރުން 2012ވަނަ އަހަރަށް ފަރަންސޭސިވިލާތުގެ ރައީސްކަން ކުރެއްވި ސަރުކޯޒީއަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައި އޭނާއާއި ދެކޮޅަށް ކުރަމުން ދިޔަ ތަހުގީގަކާއިގުޅޭ މަޢުލޫމާތު ޤާނޫނާއި ޚިލާފަށް މެޖިސްޓްރޭޓެއް މެދުވެރިކޮށް ހޯދަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

ލޯރިއަލް ކުންފުންޏާއި ގުޅުންހުރި ލިލިއަން ބެޓެންކޯޓު އަތުން 2007ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ނަހަމަގޮތުގައި ފައިސާ ހޯދާފައިވާކަމަށް ކުރާ ތުހުމަތަކާއިގުޅޭ އެ ތަހުގީގުގެ މަޢުލޫމާތު ޙިއްޞާކުރުމުގެ ބަދަލެއްގެ ގޮތުގައިގައި ފަނޑިޔާރެއްކަމަށްވާ ގިލްބާޓް އަޒިބާޓްއަށް ރަނގަޅު ވަޒީފާއެއް ދެއްވާނެކަމަށް ސަރުކޯޒީވަނީ ވިދާޅުވެފައެވެ. އެކަން ހާމަވީ އެހެން ތަހުގީގަކާއި ގުޅިގެން ސަރުކޯޒީގެ ސިއްރު ފޯން ލައިނެއް ކަމާއިބެހޭ ފަރާތްތަކުން ޓެޕުކުރުމުގެ ތެރޭގައި ސަރުކޯޒީއާއި އޭނާގެ ވަކީލު، ތިއެރީ ހާޒޮގްއާއި ދެމެދު ފޯނު މެދުވެރިކޮށް ދެކެވުނު ވާހަކަތަކެއް އިވުމުންނެވެ.

ސަރުކޯޒީވަނީ އޭނާ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޯޓުން ބުނީ މީގެ ކުރިން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ސަރުކޯޒީއަށް އޭނާއަށް ކުރެވުނީ ޤާނޫނާއި ޚިލާފު ކުށެއްކަމަށް ރަނގަޅަށް ސާފުވާނެކަމަށެވެ.

ތިން އަހަރަށް ސަރުކޯޒީ ޖަލަށްލުމަށް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި އިތުރު ކުށެއް ނުކުރާނަމަ އޭނާއަށް ކޮށްފައިވާ ތިން އަހަރުގެ ހުކުމްގެ ތެރެއިން ދެ އަހަރު ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ. ސަރުކޯޒީ އެދިވަޑައިގަންނަވާނަމަ ހުކުމުގައި ބާކީ އޮތް 1 އަހަރު ޖަލަށް ވަޑައިނުގަނެ، އިލެކްޓްރޯނިކް ޓެގު އަޅުއްވައިގެން ގޭގައި އެ ހުކުމް ތަންފީޒު ކުރުމުގެ ފުރުޞަތު އޮތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.

ކޯޓުގެ ހުކުމް އިސްތިޢުނާފުކުރުމަށް ސަރުކޯޒީއަށް 10 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. އެ މައްސަލައިގައި ސަރުކޯޒީގެ އިތުރުން އޭނާގެ ކުރީގެ ޤާނޫނީ ވަކީލާއި ފަނޑިޔާރު ގިލްބާޓް އަޒިބާޓްއަށްވެސް ތިން އަހަރުގެ ހުކުމެއްވަނީ އައިސްފައެވެ.