ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އެންމެ ގިނަ ހަފްތާ ވަންދެން އޮތުމުގެ ރިކޯޑާއި މިވަގުތު އެމަގާމުގައި ހުރި ސަރބިއާގެ ނޯވަކް ޖޯކޮވިޗް އަރާ ހަމަކޮށްފިއެވެ. މި ރިކޯޑް މިހާތަނަށް އޮތީ ދުނިޔޭގެ ކުރީގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ އަތުގައެވެ.
ފެޑެރަރވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމްގައި 310 ހަފްތާ ހޭދަކޮށްފައެވެ. ޖޯކޮވިޗް މި ރިކޯޑާއި މިހާރު ހަމަކޮށްފައިވާއިރު މިއަންނަ ހަފްތާގައި އޭނާ މިރިކޯޑް މުގުރާލާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް 18 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޯކޮވިޗް ބުނީ މި ރިކޯޑް ގާއިމް ކުރުމަށްފަހު އޭނާ ދެން އެންމެ ބޮޑަށް އިސްކަން ދޭނީ ސްލޭމް މުބާރާތްތަކަށް ކަމަށެވެ. ޖޯކޮވިޗްވަނީ ދުނިޔޭގެ އެއްވަނަ މަގާމަށް ފަސް ފަހަރެއްގެ މަތިން އަރާފައެވެ. އަދި ފަސް ވަނަ ފަހަރަށް މިމަގާމަށް އަރާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ އެންމެ ގިނަ ދުވަހު އެއްވަނަ މަގާމްގައި ހޭދަކޮށްފައިވަނީ ޖުލައި 2014 އިން ނޮވެމްބަރު 2016 އާ ދެމެދު 122 ހަފްތާ ވަންދެނެވެ.
މިވަގުތު ޖޯކޮވިޗް ދުނިޔޭގެ އެއްވަނަ މަގާމްގައި އޮތީ 12،030 ޕޮއިންޓާއެކުއެވެ. މިއީ އެންމެ ގާތުން ވާދަކުރާ ސްޕެއިންގެ ރަފައެލް ނަދާލްއަށް ވުރެ 2000 ޕޮއިންޓް އިތުރު އަދަދެކެވެ. އަދި ހަތް ހާހުން މަތިން ޕޮއިންޓް ލިބިފައިވާ އަނެއް ދެ ކުޅުންތެރިންނަނީ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް އާއި އޮސްޓްރިއާގެ ޑޮމިނިކް ތީމްއެވެ.
ނަމަވެސް އަންހެން ކުޅުންތެރިންނަށް ބަލާލާއިރު ފިރިހެން ކުޅުންތެރިންގެ ރިކޯޑަށްވުރެ ގިނަ ހަފްތާގައި އެއްވަނައިގާ ހޭދަކޮށްފައިވާ ކުޅުންތެރިން އެބަތިއްބެވެ. މިގޮތުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމްގައި އެންމެ ގިނަ ދުވަހު އޮތުމުގެ ރިކޯޑް އޮންނަނީ 377 ހަފްތާ ވަންދެން އެމަގާމްގައި އޮތް ސްޓޭފީ ގްރާފް އަތުގައެވެ. އަދި އޭގެ ފަހަތުން މާޓީނާ ނަވްރަޓިލޯވާ 332 ހަފްތާ އެއްވަނައިގައި ހޭދަކޮށްފައިވާއިރު ސެރިނާ ވިލިއަމްސް ވަނީ 319 ހަފްތާ އެއްވަނަ މަގާމްގައި ހޭދަކޮށްފައެވެ.