ޚަބަރު

ޑޮކްޓަރުންނާއި ނަރުހުން ހަމަކުރުމުގެ މަސައްކަތް ޖޫންމަހު ނިމޭނެ - ހެލްތު މިނިސްޓަރ


ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހަމަނުވުމުގެ މައްސަލަ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ޙައްލުވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރަށްވެހި ފަތިސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި އެކި ރަށްރަށަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ލިބޭނެކަމަށެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިންސާނީ ވަޞީލަތް ހަމަނުވުމުގެ މައްސަލައެވެ. މީގެތެރެއިންވެސް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ މައްސަލައަކީ ވަކިން ބޮޑު މައްސަލައެކެވެ. ރަށްވެހި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޖޫންމަހުގެ ނިޔަލަށް އެމަސައްކަތް ނިމެނޭނެކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ 163 ޑޮކްޓަރުންނާއި ނަރުހުން އަންނަ މާޗްމަހާއި އޭޕްރީލްމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ކުރިމަތިވެފައިވާ އިންސާނީ ވަޞީލަތުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންގެ މައްސަލަ އެއްކޮށް ޙައްލުވާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް މިގެންދަނީ މިމައްސަލަ ޙައްލުކުރުމުގެ މަސައްކަތްކުރަމުން. އަޅުގަނޑަށް ހުއްދަދެއްވާފަ އެބައޮތް މިހާރުން މިހާރަށް ބޭނުންވާ 163 ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގެ ހުއްދަ. އެހެންކަމުން މިމައްސަލަ އަންނަ ޖޫންމަހު ހައްލުވާނެ."

ރާއްޖޭގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންނަކީ 100 އިންސައްތަ ދިވެހިންނަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އެކި ޕްރޮގްރާމްތަކުގެ ތެރެއިން 200 އާއި ގާތްކުރާ ޢަދަދަކަށް މިވަގުތުވެސް ބޭރުގެ އެކި ޤައުމުތަކުގައި ދިވެހި ދަރިވަރުން އަންނަނީ އެމްބީބީއެސްއަށް ކިޔަވަމުންނެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ލެބޯޓްރީތައް ޤާއިމްވެފަ ނެތް ރަށްރަށުގައި މޯބައިލް ލެބޯޓްރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މީގެއިތުރުން މިހާރު އެމްބިއުލާންސް ނެތް ރަށްރަށަށް ބޭނުންވާ އެމްބިއުލަންސްތައް ހަމަކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އޭޕްރިލްމަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އިތުރު އެމްބިއުލާންސްތައް ރާއްޖެ އަންނާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ސިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލްތައް އަޕްގްރޭޑްކޮށް ވަޞީލަތްތައް ހަމަކޮށް ޚިދުމަތްދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ހަމައެއާއެކު އިތުރު ހޮސްޕިޓަލް ޢިމާރާތް ބޭނުންވާ ރަށްރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.