ކުޅިވަރު

އާސެނަލް އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުުނު މިމެޗް އާސެނަލް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލެސްޓަރ ސިޓީއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޔޫރީ ޓިއެލެމެންއެވެ. މެޗްގެ ކުރީކޮޅު ލެސްޓާރއިން ލަނޑެއް ޖެހި ނަމަވެސް އާސެނަލްއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 39 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމެއްގައި ޑޭވިޑް ލުއިޒްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްއިން ވަނީ މިމެޗްގައި ލީޑު ނަގާފައެވެ. މިލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އެލެގްޒެންޑަރ ލަކަޒެޓްއެވެ. އާސެނަލްއަށް މި ޕެނަލްޓީ ލިބުނީ ލެސްޓަރގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިލްފްރެޑް އެންޑީޑީ އަތުގަ ބޯޅަ ޖެހުނު ކަމަށް ވީއޭއާރުން ދެއްކުމާ ގުޅިގެންނެވެ. މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ނިކޮލަސް ޕެޕޭއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނީ އޭނާގެ ޓީމް މެޗަކަށް ފަހު މެޗަކުން އެބަ ރަނގަޅުވާ ކަމަށާއި ޓީމު މިހާރު ދަތުރު ކުރަމުންދަނީ އޭނާ ބޭނުންވާ މިސްރާބަށް ކަމަށެވެ. އަދި ވޭތުވެދިޔަ ދެތިން މަހުގެ ތެރޭފައި އާސެނަލްއިން އެއް ފެންވަރެއްގައި ހިފަހައްޓަމުން އެބަދާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް އިދިކޮޅު ޓީމަށް ފުރުސަތު ދެވޭ ކަމަށާއި މިގޮތުން މިމެޗް ފެށުން ތަނާ އެދިން ފުރުސަތުގެ އިތުރުން އެންމެފަހުން ޔޫރޮޕާ ލީގުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗްގައި ދެވުނު ފުރުސަތުތަކަށް އާޓެޓާ އަލިއަޅުވާލިއެވެ. އަދި ވަރުގަދަ ޓީމް ތަކާއި ދެކޮޅަށް ކުޅޭއިރު މިއީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކަމުގައި އާސެނަލްގެ ކޯޗު ހާމަކުރިއެވެ.

މިމެޗުން ބަލިވުމުން ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީއާއި ދެމެދުގައި ވާ ފަރަގު ކުޑަ ކުރުމަށް ލެސްޓަރއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. ލެސްޓަރއިން މިހާރު 26 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި ސިޓީއާ ދެމެދުގައި ފަރަގު މިހާރު އުޅެނީ 13 ޕޮއިންޓްގައެވެ.