ކުޅިވަރު

ޗެލްސީ އާއި މެންޗެސްޓަރ މެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ ސިޓީ އާއި ދެމެދުގައި ފަރަގު ކުޑަކުރުމަށް ޔުނައިޓެޑަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުންކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެެވެ. މިގޮތުން ޗެލްސީގެ ހަކީމް ޒިޔެކް ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑި ގެއާ މަތަކުރިއިރު ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އާއި ފްރެޑް ގެ އިތުރުން ބްރޫނޯ ފެނާންޑޭޒް އަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. މިމެޗްގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށް އެޓީމުން ދެކެއެވެ. މިގޮތުން ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެލުމް ހަޑްސަން އޮޑޯއި އަތުގައި ޖެހުމުން ރެފްރީވަނީ ވީއޭއާރުގެ ލަފަޔާއެކު ޕިޗްސައިޑް މޮނީޓަރއިން ބެލުމަށްފަހު އެއީ ހޭންޑްބޯލްއެއް ނޫންކަމަށް ނިންމާފައެވެ.

މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ ސިޓީއާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ޔުނައިޓެޑަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. މިގޮތުން މިހާރު މިދެޓީމްގެ ދެމެދުގައި ވާ ފަރަގު އުޅެނީ 12 ޕޮއިންޓްގައެވެ. ޔުނައިޓެޑް މިހާރު 26 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 50 ޕޮއިންޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގުނަރ ސޯލްޝާ ހާމަކުރިގޮތުގައި އޭނާގެ ޓީމުން މިމެޗުން މޮޅުވާން ބޭނުންވި ކަމަށާއި ނަމަވެސް ފަހު ޕާސް ދިނުމުގައި މައްސަލަތަކެއް ކުރިމަތިވީ ކަމަށެވެ. އަދި އޭނާގެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދި ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި މިމެޗްގައި އެޓީމަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި އެއީ ސައްތައިން ސައްތަ ޕެނަލްޓީއެއް ކަމަށްވެސް ސޯލްޝާ ހާމަކުރިއެވެ.

މިމެޗް އެއްވަރު ވުމުން ޗެލްސީއަށްވެސް މިވަނީ ޕޮއިންޓް ތާވަލްގެ ހަތަރު ވަނައަށް އަރަން ލިބުނު ފުރުސަތު މިވަގުތަށް ގެއްލިގެން ގޮސްފައެވެ. މިގޮތުން ޗެލްސީ މިހާރު 26 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 44 ޕޮއިންޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ހާމަކުރިގޮތުގައި މިމެޗްގައި ރަނގަޅު ފުރުސަތު ލިބުނީ އޭނާގެ ޓީމަށް ކަމަށާއި ދެވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅެވުނު ކަމަށެވެ. އަދި މިމެޗްގެ ނަތީޖާ ގަބޫލް ކުރަން ޖެހޭ ކަމަށްވެސް އޭނާ ހާމަކުރުއެެވެ. މިމެޗްގައި ޔުނައިޓެޑަށް ލިބުނު ފުރުސަތުތަށް ހުއްޓުވަން އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާގެ ކުޅުންތެރިންގެ ފަރާތުން މިމެޗްގައި ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ.