ވިޔަފާރި

ވީއައިއޭއިން ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރުތަކެއް ކުއްޔަށް ދޫކުރަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުރި 6 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' (ޓީ.އާރް.ސީ) ކުއްޔަން ދޫކުރަން އެމްއޭސީއެލްއިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މި ކައުންޓަރުތައް ކުއްޔަން ހިފަން ބޭނުންވާ ފަރާތްތަކުން 7 މާރޗްގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބީލަންފޮތް އީމެއިލް ކުރާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ކައުންޓަރުތައް ހިފުމަށް ހުށައަޅާ ފަރާތްތަކަކީ ރިސޯޓު، ހޮޓެލް، ޓުއަރ އޮޕަރޭޓުކުރުމުގެ ހުއްދަ ނޫނީ ޓްރެވެލް އެޖެންޓްކަމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންޖެހެއެވެ. އެގޮތުން މިހާރުވެސް ޓީ.އާރް.ސީއެއް ލިބިފައިވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިނުވެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހެވެ. ކައުންޓަރުތައް ދިނުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތު ނަގާނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވީއައިއޭގައި ބަހައްޓާފައިވާ 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' ތަކުން މިހާރުވެސް ރިސޯޓްތަކާއި ހޮޓެލްތަކުގެ އިތުރުން ޓްރެވެލް އެޖެންސީތަކުން އަންނަނީ ފަތުރުވެރިންނަށް ޙިދުމަތްދެމުންނެވެ. މި ކައުންޓަރުތަކުގެ ސަބަބުން ފަތުރުވެރިންނަށް ޙިދުމަތް ހޯދުމަށްވެސް ފަސޭހަތަކެއް ލިބިގެންދެއެވެ.