ގއ.ވިލިގިއްޔާ ދިމާ ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވި ލޯންޗެއް، އެސަރަޙައްދުގައިއޮތް މަސް ދޯންޏެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި 2 މީހުންނާއި ދޯނީގައި ތިބި މީހުންގެ ތެރެއިން 2 މީހަކަށް ވަނީ އެކި ވަރުގެ ހާނީއްކަ ވެފައެވެ.
މި 4 މީހުން މިހުންނަށް ފަރުވާ ދިނުމަށްޓަކައި މިހާރުވަނީ ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ގއ.އަތޮޅު ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަޙްމަދު ވިދާޅުވީ ލޯންޗުގައި ތިބި ދެމީހުންގެ ޙާލު ސީރިއަސްކަމަށެވެ. ލޯޗުގައި ތިބީ 2 ޒުވާނުންނެވެ. ހޮސްޕިޓަލުން ވިދާޅުވީ ދެމީހުންގެވެސް ބޯ ވަރަށްބޮޑަށް ޒަޚަމްވެފައި ވާކަމަށެވެ. އަދި އެކަކުގެ ލޮލަށްވެސް ވަރަށްބޮޑަށް ހާނީއްކަވެފައިވާކަމަށެވެ.
ދޯނީގައި ލޯންޗު ޖެހުނުވަގުތު ދޯނީގައި ތިބި ދެމީހުންނަށް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ. އެގޮތުން ދޯނީގައި ހުރި އެކަކު ކަނޑަށް ވެއްޓުނުކަމަށް މަޢުލޫމާތުލިބެއެވެ. މިމީހާގެ އަތް ބިނދި އެކިވަރުގެ ހާނީއްކަ ވެފައި ވެއެވެ. ދޯނިން ހާނީއްކަވި އަނެއްމީހާގެ ބޮލަށްވަނީ ހާނީއްކަވެފައެވެ.
ހޮސްޕިޓަލުން ވިދާޅުވީ ލޯންޗުން ގެނައި ދެމީހުންގެ ޙާލު ސީރިއަސްކަމަށާ އަތް ބިންދައިގެންދިޔަ މީހާގެވެސް އިތުރު ޓެސްޓްތަކެއް ހަދަންޖެހޭކަމަށެވެ. 3 މީހުން މިހާރު މާލެ ފޮނުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވީ ސީޓީ ސްކޭން ހެދުމަށްޓަކައި އެމަޖެންސީގައި، ފްލައިޓެއް ޗާޓަރ ކޮށްގެން މިމީހުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ލޯންޗުގައިތިބީ އުމުރުން 25އަހަރާއި 24އަހަރާ ދެމެދުގެ ދެމީހުންކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ދޯނިން ހާނީއްކަވި މީހުންނަކީ 50 އަހަރުން މަތީގެ މީހުންކަމަށް މަޢުލޫމާތު ލިބެއެބެއެވެ.