ވިޔަފާރި

އޮންލައިންކޮށް ޓިކެޓް ގަތުމުން، މޯލްޑިވިއަނުން ހިލޭ ޓިކެޓެއް


ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ގަންނަ ފަރާތްތަކަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަނުން ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 1 މާރޗްއިން 27 މާރޗްގެ ނިޔަލަށްކަމަށެވެ. ޕްރޮމޯޝަންގައި މޯލްޑިވިއަންގެ ވެބްސައިޓާއި، އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަންނަ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި 1 ފަރާތް ހޮވައި، އެފަރާތަކަށް ހިލޭ ޓިކެޓެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހިލޭ ލިބޭ ޓިކެޓްގައި ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ޓިކެޓް މާރޗްމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭނުން ކުރެވޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޯވިޑް19ގެ ހާލަތުގައި މޯލްޑިވިއަންގެ ޓިކެޓް އޮފީހަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓް ގަތުމަށް މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ކަސްޓަމަރުންނަށް ބާރުއަޅާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށް އެ އެއަރލައިންގެ ދަތުރުތައް ބާއްވަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މަންޒިލްތަކަށްވެސް މޯލްޑިވިއަނުން އަންނަނީ ދަތުރުކުރަމުންނެވެ.