ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭރުގެ އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައުމަށް މަސައްކަތް ކުރާ މި އިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިބިލުގެ އެންމެ ބޮޑު މަޤްސަދަކީ ޤާނޫނީ ޑިމޮކްރަޓިކް އުސޫލުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލު ކުރެވޭ ގޮތަށް ރާއްޖޭގައިވެސް އަމަލުކުރެވޭނެ ނިޒާމެއް ތަޢާތަފް ކުރުންކަމަށެވެ.
ސަރުކާރުގެ މަޤްސަދަކީ ވާދަވެރި އިދިކޮޅު ފަރާތެއް އޮވެ، ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ޖާގަ ދިނުންކަމަށާއި، އެޖާގަ ނުދެވޭނަމަ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުމުގެ މަސައްކަތްވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މިބިލުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ބިލު މަޖިލީހަށް ހުށަހަޅާނީ ވާދަވެރި އިދިކޮޅު ޕާޓީގެ މަޝްވަރާއާއެކުކަމަށް އާޒިމް ވިދާޅުވިއެވެ.
މިބިލާއި ގުޅޭގޮތުން އާޒިމް ވަނީ މިދިޔަ ހަފްތާގެ މަޖިލީހުގައި މިމަސައްކަތް ކުރައްވާކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ. އެދުވަހުގެ ޖަލްސާގައިވެސް އާޒިމް ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި އިދިކޮޅު ލީޑަރަކަށް ހުންނަ ބޭފުޅަކަށް ޤާނޫނުގެ ތެރެއިން ރައްކާތެރިކަމާއި ހިމާޔަތް ދެއްވައި، އެމީހަކަށް އިނާޔަތްވެސް ލިބި އޮފީހެއްވެސް ހުރުމަކީ ޑިމޮކްރަޓިކް ހަމަތަކުން ލިބިދޭންޖެހޭ ޖާގައެއްކަމަށެވެ.
"އެމްޑީޕީން އިދިކޮޅު ރިޔާސީ ލީޑަރަކު ރިކޮގްނައިޒް ކުރުމުގެ ވިސްނުން، ޕާޓީތަކުގެ ޤާނޫނަށް އަޅުގަނޑުމެން އެބަ ހުށަހަޅަން، އިދިކޮޅު ލީޑަރެއް ހުންނާނެކަން. އެލީޑަރަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ތަފްސީލުކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެޤާނޫނުގައި ލިޔެފައިވާނެ" އާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި ގާނޫނީ ގޮތުން މިހާރު ރަސްމީ ހައިސިއްޔަތު ލިބިދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރަށެވެ. ހަމަޖެހިފައި އޮންނަ ގޮތުން އެ މަގާމު ފުރުއްވަނީ އެ ޕާޓީއަކުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ކަނޑައަޅާ ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ޤާނޫނަކުން ރައްކާތެރިކަން ލިބިދޭގޮތަށް މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ.