ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އޮތް މިންވަރު ހާމަވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ފެނިގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފާޑު ކިޔައި، އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ ދުނިޔެއާއި ބީރަށްޓެހި އެކަހެރި ސިޔާސަތެއްކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ އެންމެ އިސްކަން ދެއްވީ ދުނިޔެއާއި އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، އެކީގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ ވެރިކަމާއި ހަވާލުވުމަށްފަހު މިހާތަނަށް ކުރެއްވި މަސައްކަތުން ނިިމިދިޔަ ވެރިކަމުގައި ގުޅުން ކަނޑާލާފައިވާ އެތައް ޤައުމަކާއި، ޖަމްއިއްޔާ ޖަމާއަތްތަކައި ގުޅުން ގާއިމްކުރެވި ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޚާރިޖީ ސިޔާސަތުގެ އެންމެ ކުރީސަފުން ޖާގަލިބޭ ޤައުމަކަށް ރާއްޖެ ވެފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދުނިޔެއާ ގުޅުން އޮތް މިންވަރު އެންމެބޮޑަށް ދައްކުވައިދިނީ ކޯވިޑްގެ ހާލަތުގައި ކަމަށާއި، ދުނިޔޭގައި ރާއްޖެއަށް އެހީތެރިކަން ނުދޭ ޤައުމެއް މަދުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިސަރުކާރަކީ ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި މުޅި ދުނިޔެއާއިވެސް ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއްކަމަށާއި، ނަމަވެސް އަބަދުވެސް އަވަށްޓެރި ޤައުމުތަކަށް އިސްކަންދީ އަވަށްޓެރި ޤައުމުތަކައި އޮންނަ ގުޅުން ބަދަހި ކުރާނެ ސަރުކާރެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިކޮވިޑްގެ ތެރޭގައިވެސް ކޮންޤައުމަކުންތޯ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށް ނުދެނީ. އެންމެ ކުޑަމިނުން ޗައިނާއިންވެސް ފޯރުކޮށްދިން. އިންޑިޔާއިންވެސް، އިނގިރޭސި ވިލާތުންވެސް އެހެން ތަންތަނުންވެސް އަޅުގަނޑުމެންނަށް ބޭނުންވާ އެހީތެރިކަން ފޮރުކޮށްދިން. އެހެން ވީމަ އަޅުގަނޑު ދަންނަވާނީ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ގެން ގުޅުނީމަ ވާ ފައިދާ މިއަދު އެބަފެނޭ. ދުނިޔެއާއި ގުޅިގެން އުޅުމުގެ ހެޔޮ ނަތީޖާ މިއަދު އެބަފެނޭ" ރޮޒައިނާ ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވި އިޤްތިޞާދީ ދަތި ހާލަތުގައި ދުނިޔޭގެ ޤައުމުތަކުން ދެއްވި އެހީތެރިކަމާއިއެކު ރާއްޖެއަކީ މިހާލަތުން އަރައިގަތުމަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރާ ޤައުމުގެ ގޮތުގައި ދުނިޔެއިންވެސް ދެކޭކަމަށް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާލާތުގައިވެސް ރާއްޖޭގެ އެތައް ރަށެއްގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމީ ސަރުކާރުގެ ސިޔާސަތުގެ ހަރުދަނާކަން ހާމަވެގެންދާ ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.