ވިޔަފާރި

"މޯލްޑިވްސް - ސްރީލަންކާ ކޭބަލް"އިން ޙިދުމަތް ދިނުމަށް ތައްޔާރުވެއްޖެ


ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އަޅާފައިވާ "މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް"އިން ޙިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި މުވާސަލާތީ ޙިދުމަތްދެމުން އަންނަ ދިރާގާއި އުރީދޫގެ އިތުރުން ސްރީލަންކާގެ ޑައިލޮގް އެޒިއާޓާ ގުޅިގެން މި ކޭބަލް އަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. "މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް" އަޅާފައިވަނީ ސްރީލަންކާގެ މައުންޓް ލެވީނިއާ އާއި ހުޅުމާލެ ދެމެދުއެވެ.

ސްރީލަންކާގެ ޑައިލޮގް އެޒިއާޓާގެ ޗީފް އެގްޒެކްޓިން ސްޕުން ވީރަސިންގ ވިދާޅުވީ، އެ ކުންފުނީގެ ބައިނަލްއަޤްވާމީ ޕާޓްނަރުންކަމަށްވާ އުރީދޫ މޯލްޑިވްސްއާއި ދިރާގު އަދި އެޗްއެމްއެން ޓެކްނޮލޮޖީއާއިއެކު ކޯވިޑްގެ ތެރޭގައިވެސް ކަނޑައާޅާފައިވާ ވަގުތަށް ޕްރޮޖެކްޓް ނިންމާލެވުނީތީ އުފާކުރާކަމަށެވެ. އަދި "މޯލްޑިވްސް-ސްރީ ލަންކާ ކޭބަލް"ގެ ޙިދުމަތް ދިނުމަށް މިހާރު ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި ކޭބަލްގެ ސަބަބުން ރާއްޖޭގައި އިންޓަނެޓަށް އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ޙިދުމަތް ދެވިގެންދާނެކަމަށެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު އަޅާފައިވަނީ 840 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްއެކެވެ. ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 22 މިލިއަން ޑޮލަރެވެ.

މި އެމްއެސްސީ ޕްރޮޖެކްޓްއާއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ އިގްތިސާދު ކުރިއަރައިގެން ދާނެކަމަށް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބުނެއެވެ.