ކުޅިވަރު

ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި އެފް.ސީ. ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައިގާ ވާ އެޓްލެޓިކޯ މެޑްރިޑާއި 2 ޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ބާރސާ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނުނު މިމެޗްގަައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ބާރސާގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ އޮސްމާން ޑެމްބެލޭއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ މެސީއެވެ. މިއީ ސެވިއްޔާއާ ދެކޮޅަށް މެސީ ކާމިޔާބުކުރި 38 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެސީވަނީ އޭނާ އެންމެފަހުން ކުޅުނު ލަލީގާގެ އަށް މެޗްގައި ލަނޑު ޖަހާފައެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ. އަދި ދެޓީމުން ޖެހި ދެ ލަނޑެއް ވަނީ އޮފްސައިޑް ވުމުގެ ސަބަބުން ގަބޫލް ނުކޮށްފައެވެ.

މިކާމިޔާބީއާއެކު ބާރސާވަނީ އެއްވަނައިގާ އުޅޭ އެޓްލެޓިކޯ އާއި 2 ޕޮއިންޓަށް ގާތްވެފައެވެ. އެއީ ކުޅުނު 25 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކުއެވެ. ނަމަވެސް އެއީ އެޓްލެޓިކޯއަށްވުރެ ދެ މެޗް އިތުރަށް ކުޅެގެންނެވެ. މިނާކާމިޔާބީއާއެކު ސެވިއްޔާ މިވަނީ އެންމެފަހުން އެޓީމް ކުޅުނު 10 މެޗަށްފަހު ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި އެޓީމް މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

މިދެޓީމް އަންނަ ބުދަ ދުވަހުގެ ރޭ އަނެއްކާ ބައްދަލުކުރާނެއެވެ. އެއީ ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގްގައެވެ. މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް 2 ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ސެވިއްޔާއެވެ.