ކުޅިވަރު

ވެސްޓް ހޭމް ބަލިކޮށް މެންޗެސްޓަރ ސިޓީއިން 13 ޕޮއިންޓްގެ ލީޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބު ކޮށް ތާވަލްގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މެޗްގެ ކުރީ ކޮޅު މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމްއިންނެވެ. ނަމަވެސް ވެސްޓް ހޭމްއިން ރަނގަޅަށް ކުޅެމުންދަނިކޮށް ފެނިގެންދިޔައީ ސިޓީއިން ލަނޑެއް ޖަހާ މިމެޗްގައި ލީގު ނެގި ތަނެވެ. މިލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ކެވިން ޑި ބްރުއިނަރ ނަގާދިން ހުރަހަކުން ޖަހައިދިނީ ރުބެން ޑިއާސްއެވެ. މިއީ ޑިއާސް ސިޓީއަށް މިސީޒަންގައި ބަދަލުވިފަހުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ޑި ބްރުއިނަރގެ ހުރަހާއެކު އޭނާ ލަނޑު ޖެހުމަށް ދިން އެސިސްޓްގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މިމެޗްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ވެސްޓް ހޭމްއިން ހިތްވަރު އެލުވާ ނުލާ މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މެޗްގެ 43 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖެސީ ލިންގާރޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިކައިލް އެންޓޯނިއޯއެވެ. މިމެޗްގައި ސިޓީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 68 ވަނަ މިނެޓްގައި ޖޯން ސްޓޯން ޖަހާދިން ލަނޑަކުންނެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 4 ވަނަ ލަނޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިއެވެ. މިމެޗްގައި ގިނަ ދުވަސް ތަކަކަށްފަހު ސިޓީގެ ފުރަތަމަ އެގާރައިގާ ސަރޖިއޯ އަގުއެރޯ ހިމެނިގެން ކުޅުނު ތަންވެސް ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި 13 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ ކުޅުނު 26 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކުއެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓަރ ސިޓީ މިއަދު ކުޅޭ މެޗްތައް ކާމިޔާބުކޮށްފިނަމަ މިފަރަގު 10 ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު މިދެޓީމަށް އޮންނާނެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މިމެޗް ވެގެންދިޔައީ އޭނާގެ ޓީމަށްވަރަށް އުނދަގޫ މެޗަކަށެވެ. އަދި މިމެޗުން 3 ޕޮއިންޓް ލިބުނީ ނަސީބު ރަނގަޅު ކަމުން ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި ގާތް ގާތުގައި ގިނަ މެޗްތަކެއް ނުޅޭއިރު މިހެން ވާނެ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.

މިމެޗުން ބަލިވުމުން ވެސްޓް ހޭމްއަށް ޕޮއިންޓް ތާވަލްގެ ހަތަރު ވަނައިގާ ފައި ހަރުކޮށްލުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. މިވަގުތު ކުޅުނު 26 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގާ ވެސްޓް ހޭމް އޮތް ނަމަވެސް މިއަދު ޗެލްސީ ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ހަތަރުވަނައަށް އެރުމުގެ ފުރުސަތު ޗެލްސިއަށް ލިބިގެންދާނެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއެސް ހާމަކުރިގޮތުގައި މިމެޗުން ޕޮއިންޓެއް ނުލިބުމުން ހިތްހަމަ ނުޖެހޭކަމަށެވެ. ނަމަވެސް މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށް އޭނާ ހާމަކުރިއެވެ.