ކުޅިވަރު

ބަޔާންއަށް ބުންޑަސްލީގް ތާވްލަގައި ދެ ޕޮއިންޓުގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި ޗެމްޕިއަން ބަޔާން މިޔުނިކާއި އެފްސީ ކޯން ބައްދަލުކުރިމެޗް ބަޔޭން ކާމިޔާބުކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 5 ލަނޑު އެއް ލަނޑުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިމެޗްގައި ކޯންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހއިދިނީ އެލިޔެސް ސްކީރީއެވެ. ނަމަވެސް ބަޔޭންއިންވަނީ މެޗްގެ 65 ވަނަ މިނެޓްގައި ލަނޑެއް ޖަހައި އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ލެވަންޑޯސްކީއެވެ. މިއީ އޭނާ ބުންޑަސްލީގާގައި މިސީޒަންގައި ކާމިޔާބުކުރި 28 ވަނަ ލަނޑެވެ. އަދި ލީގުގައި ބާކީ 11 މެޗް އޮތް އިރު ބުންޑަސްލީގާގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް މުގުރާލުމަށް ލެވަންޑޯސްކީ ކުރަމުންދާ މަސައްކަތް ހުރީ ރަނގަޅު މިސްރާބުގައެވެ. ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ގަރޑް މުލަރ ހަދާފައިވަނީ 1972 ވަނަ އަހަރުއެވެ. އެއީ 40 ލަނޑެވެ. މިމެޗްގައި ބަޔާންގެ ފަހު ދެލަނޑު މެޗްގެ 82 ވަނަ މިނެޓާއި 86 ވަނަ މިނެޓްގައި ޖަހައިދިނީ ސަރޖޭ ގްނެބްރީއެވެ.

މިކާމިޔާބީއާއެކު ބަޔާންއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 23 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކުއެވެ. އެންމެ ގާތުން ވާދަކުރާ އާރްބީ ލިޕްޒިގަށް ލިބިފައިވަނީ 23 މެޗުން 50 ޕޮއިންޓެވެ. ލިޕްޒިގް ރޭ ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާއި ބައްދަލުކުރިމެޗް ފަހަތުން އަރާ 3 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްފައެވެ.