ދުނިޔެ

ރޮހިންޔާ ރެފިއުޖީންނާއި ބަންގުލަދޭޝުން މިފަހަރު ހަވާލެއް ނުވި


ކަނޑުވެފައިވާ ރޮހިންޔާގެ 81 ރެފިއުޖީންނާއި ޙަވާލުވުމަކީ ބަންގުލަދޭޝްގެ ޒިންމާއެއް ނޫންކަމަށް އެ ޤައުމުން ބުނެފިއެވެ.

56 އަންހެނުންނާއި އަންހެން 8 ކުދިންނާއި 21 ފިރިހެނުންނާއި 5 ފިރިހެން ކުދިން ގޮވައިގެން ބަންގުލަދޭޝްގެ ދެކުނުގެ ސަރަޙައްދަކުން މެލޭޝިޔާއަށް ދިޔުމަށްޓަކައި ބަންގުލަދޭޝްގެ މަސްބޯޓެއް ފުރާފައިވަނީ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުގައެވެ. ބޯޓު ފުރިތާ ހަތަރު ދުވަސްފަހުން އެ ބޯޓުގެ އިންޖީނު ހުއްޓުމުން އެ އުޅަނދުވަނީ ކަނޑަށް ބެހިފައެވެ. ފެނާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންގެ ޙާލުވަނީ ވަރަށް ދެރަވެފައެވެ. އެ މަސްބޯޓު އަންޑަމަން ކަނޑުގައި ބެހި އޮޔާދަނިކޮށް ސަލާމަތްކުރީ އިންޑިޔާގެ ކޯސްޓު ގާޑުންނެވެ. އެ މަސްބޯޓު ސަލާމަތްކުރިއިރު މަރުވެފައިވާ 8 މީހުންގެ ހަށިގަނޑުވެސް އެ ބޯޓްގައި އޮތެވެ.

ކަނޑުވެފައިވާ މީހުންނަށް އިންޑިޔާގެ ފަރާތުން ކާބޯތަކެތި ފޯރުކޮށްދެމުންދިން ނަމަވެސް އެ މީހުން އިންޑިޔާއަށް ފޭބުމުގެ ޙުއްދަ ދިނުމަށް އިންޑިޔާއިން ގަސްތެއް ނުކުރެއެވެ. އިންޑިޔާއިންވަނީ ބަންގުލަދޭޝްގެ ފަރާތުން އެ މީހުންނާއި ހަވާލުވުމަށް އެދިފައެވެ.
ނަމަވެސް ބަންގުލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މުޢުމިން ވިދާޅުވީ ރޮހިންޔާގެ ރެފިއުޖީންނާއި ބަންގުލަދޭޝުން ހަވާލުވާން ނުޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ރޮހިންޔާ މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުން ނޫންކަމަށާއި އެމީހުންނާއި ހަވާލުވާންޖެހޭނީ ރޮހިންޔާ މީހުން ނިސްބަތްވާ މިޔަންމާއިން ނުވަތަ އެމީހުން ފެނުނު ސަރަޙައްދާއި އެންމެ ކައިރީގައި އޮތް އިންޑިޔާއިންކަމަށެވެ.

އެމީހުން ފެނިފައިވަނީ ބަންގުލަދޭޝްގެ ކަނޑުގެ ސަރަޙައްދާއި 1100 މޭލު ދުރުންކަމަށާއި، އެމީހުންނާއި ބޮޑަށް ކައިރީގައި އޮތީ 91 މޭލު ދުރުގައި އޮތް އިންޑިޔާއާއި، 201 މޭލު ދުރުގައި އޮތް މިޔަންމާކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ޤައުމު ނޫނަސް އެހެން ޤައުމުތަކާއި ޖަމާޢަތްތަކުންވެސް ރޮހިންޔާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެކަމަށްވެސް މުޢުމިން ވިދާޅުވިއެވެ.

ރޮހިންޔާގެ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީން ބަންގުލަދޭޝްގެ ކޭމްޕުތަކުގައި ދިރިއުޅެއެވެ.