ދުނިޔެ

ވަލީ އަހުދު އެކަމެއް ނުކުރާނެ، ޚާޝޫޤްޖީގެ ރިޕޯޓު ބަލައެއް ނުގަންނަން - ސަޢުދީ


2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީ މަރާއި ގުޅޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރެފައިވާ ރިޕޯޓު ބަލައިނުގަންނަކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުގެ ކޮލަމޮނިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޚާޝޫޤްޖީއަކީ ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ނޫސްވެރިއެކެވެ. އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިގޮތަކަށް އޭނާ މަރާލާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ އޭޖެންޓުންތަކެކެވެ. ޚާޝޫޤްޖީ މަރާލި ދުވަހު ކޮންސިއުލޭޓު ހުންނަ އިމާރާތަށް އޭނާ ވަދެފައިވަނީ ކައިވެނިކުރުމަށް ބޭނުންވާ ޙުއްދަތަކެއް ހޯދުމަށެވެ.

ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގައި އެމެރިކާއިންވަނީ ޚާޝޫޤްޖީގެ މަރާއި ގުޅޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ޚާޝޫޤްޖީގެ މަރުގެ ހާދިޘާގައި ސަޢުދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ޢަދާކުރައްވާފައިވާ ދައުރު ބަޔާންކޮށްފައި އޮތުމުން ވަލީ އަހުދާއި ޚާޝޫޤްޖީގެ މަރާއި ގުޅުން އޮތްކަމަށް ދެކެވެމުން ދިޔަ ވާހަކަތައްވަނީ ޔަޤީންވެފައެވެ.

އެމެރިކާއިން ނެރުނު ރިޕޯޓާއި ގުޅޭގޮތުން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ރަސްކަމަށް ނިސްބަތްކޮށް އެމެރިކާގެ ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށާއި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ. ޚާޝޫޤްޖީ މަރާލުމަކީ ނުބައިކަންބޮޑު ޖަރީމާއެއްކަމަށާއި އެއީ ސަޢުދީ ޢަރަބިއްޔާގެ ޤާނޫނުތަކާއި ޤަބޫލުކުރުންތަކާއި މުޅިން ޚިލާފު ޢަމަލެއްކަމުގައި އެ ބަޔާނުގައިވަނީ ބުނެފައެވެ. އަދި އެ ޖަރީމާ ހިންގުމުގައި ބައިވެރިވެފައިވާ ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުން ތަމްޞީލްކޮށްފައިވަނީ އެމީހުން މަސައްކަތްކުރަމުންދިޔަ އިދާރާތަކުގެ އެންގުންތަކެއް ނޫންކަމަށްވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެ ފަރާތްތަކާއި ދެކޮޅަށް ދަޢުވާކޮށް އެމީހުންނަށް ސަޢުދީ ޢަރަބިއްޔާގެ ކޯޓުތަކުން ހުކުމްކޮށްފައިވާކަމަށާއި، އެ ފިޔަވަޅުތަކަކީ ޚާޝޫޤްޖީގެ ޢާއިލާއިން ބަލައިގެންފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ބަޔާނުގައިވަނީ ބުނެފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓު ބިނާކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ ނިންމުންތަކަށް ވަލީ އަހުދު ބާރުފޯރުވާ މިންވަރުގެ މައްޗަށެވެ. އޭގެ އިތުރުން ޚާޝޫޤްޖީގެ މަރުގެ ހާދިޘާގައި ވަލީއަހުދުގެ މުހިންމު މުޝީރަކާއި ފާރަވެރިއެއްގެ ބައިވެރިވުން އޮތުމުގެ މައްޗަށެވެ.

އެ ރިޕޯޓުގައި ބުނީ 2017ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ކަންކަމާއި ޖާސޫސީ އޮޕަރޭޝަންތަކުގެ މައްޗަށް ވަލީއަހުދުގެ ފުރިހަމަ ބާރު އޮތްކަމަށާއި، ވަލީއަހުދުގެ ބައިވެރިވުމާއިނުލައި ޚާޝޫޤްޖީ މަރާލުންފަދަ ޖަރީމާއެއް ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ހިންގާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

ޚާޝޫޤްޖީއަކީ ސަޢުދީ ޢަރަބިއްޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެކިވަޑައިގެންނެވި ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އަދި ވަލީ އަހްދުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކާއި ހަވާލުކުރާ މަސައްކަތްތައް ފުރިހަމަ ނުކޮށްފިނަމަ އެމީހުން ވަޒީފާއިން ވަކިކުރާނެކަމުގެ ނުވަތަ ހައްޔަރުކޮށްފާނެކަމުގެ ބިރުވެރިކަން އެ ފަރާތްތަކަށް އޮތްކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހަތަރު ޞަފްހާގެ ރިޕޯޓުގައިވަނީ ޚާޝޫޤްޖީގެ މަރުގައި ބައިވެރިވި ނުވަތަ އޭނާގެ މަރާއި ގުޅުންހުރި 21 މީހެއްގެ ނަން ބަޔާންކޮށްފައެވެ. އިސްތަންބޫލުގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނަކީ ކުރިއަށް ރާވައިގެން ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނެއް ނަމަވެސް ޚާޝޫޤްޖީ މަރާލުމަށް ނިންމާފައިވަނީ ކޮން ހިސާބަކުންކަން ނޭނގޭކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އަދި އޮޕަރޭޝަންގައި ބައިވެރިވި މީހުންނަށް ޚާޝޫޤްޖީ މަރާލާނެކަން ކުރިން އެނގިފައިނުވުމަކީވެސް އެކަށީގެންވާކަމެއްކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން ޖާސޫސީ އިދާރާތަކުގެ ރިޕޯޓު އާންމުކުރުމާއި ގުޅިގެން އެ ޤައުމުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ފަރާތުންވަނީ ސަޢުދީ ޢަރަބިއްޔާގެ 76 ރައްޔިތުން ދަތުރުކުރުން މަނާކޮށް، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަރިސް ބޭފުޅެއްކަމަށްވާ ސަޢުދީ ޢަރައްބިއްޔާގެ މޭޖާ ޖެނެރަލް އަޙްމަދު ޙަސަން މުޙައްމަދު އާސިރީއާއި ދެކޮޅަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާނުކޮށްފައެވެ.