ހދ. ހަނިމާދޫގައި ހުންނަ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް ގެންދިޔަ މީހަކު ކުއްލިއަކަށް މަރުވި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ. މި މީހާ މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ މި މީހާ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ހުރުމުން އެކަންކަން އެ އިދާރާއިން ބަލަމުން އަންނަކަމަށެވެ. އަދި މި މައްސަލައިގެ ތަހުޤީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަރުވި މީހާގެ އިތުރު ޓެސްޓްތަކެއް ހަދަންޖެހޭތީ އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މަރުވެފައިވާ މީހަކީ އެތަނަށް ފަރުވާއަށް ގެންގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުން އައި މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ ޤާއިމް ކުރުމަކީ ސަރުކާރުގެ ވައުދުކެވެ. މި ވައުދުގެ ދަށުން އައްޑޫ ސިޓީގައިވެސް މިހާރުވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ޤާއިމްކޮށްފައެވެ. އަދި މާލެއިން ލިބޭ ފެންވަރަށް ފަރުވާގެ ކަންކަން ހަމަޖައްސާ ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވީ 2019 ވަނަ އަހަރުގެ މާރިޗުމަހުގެ 31 ވަނަދުވަހުއެވެ.