ޚަބަރު

ފުވައްމުލަކު އެކްސިޑެންޓްގައި ކާރުގައި ތާށިވި 2 ޒުވާނުންވެސް މަރުވެއްޖެ


ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ކާރު ތެރޭ ތާށިވި 2 ޒުވާނުންވެސް މަރުވެއްޖެއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ދެ ޒުވާނުންވެސް ހޮސްޕިޓަލަށް ގެނައިިއިރުވެސް މަރުވެފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި މަރުވީ ފުވައްމުލަކު ފުނާޑު ކެތްރީ އުމުރުން 25 އަހަރުގެ އަޙުމަދު މުތީޢު އަބްދުލްހަކީމާއި ދޫޑިގަން މެހެންދޫ އުމުރުން 19 އަހަރުގެ އަލީ އާމިރު އަޙުމަދުއެވެ. މި ދެޒުވާނުންވެސް ހޮސްޕިޓަލަށް ގެނައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި 19 އަހަރުގެ އަލީ އާމިރު މަރުވީ 5:04 ގައިކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި އަޙުމަދު މުތީޢު މަރުވެފައިވަނީ އޭގެވެސް ކުރިންކަމަށްވެސް ހޮސްޕިޓަކުން ބުނެއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ކާރު ދުއްވާފައި ދަނިކޮށް ގަހެއްގައި ޖެހިގެންނެވެ.

މި ދެޒުވާނުންވެސް ކާރުން ނެރެން ޖެހުނީ ގްރޭންޑަރުން ކާރުގެ ބައެއް ބައިތައް ކީހާލައިގެންނެވެ. ކާރަކީ މައްޗަށް ދޮރު ހުޅުވޭ ކާރަކަށްވުމުން ގަހުގައި ޖެހުނުގޮތަށް ކާރުގެ ދެ ދޮރުފަތްވެސް ބަނޑިވެ ހަލާކުވެފައިވާކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުނެއެވެ.

މި އެކްސިޑެންޓްގައި މަރުވި އަޙުމަދު މުތީޢު އަބްދުލްހަކީމަކީ މީގެކުރިން ފުވައްމުލަކު ރިންގް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކެވެ. އެފަހަރު އެނާ ސަލާމަތްވީ އުއްމީދު ކަނޑާލާފައިވަނިކޮށް މާލެ ގެނެސް އޭޑީކޭގައި ފަރުވާދިނުމަށް ފަހުއެވެ.