ދުނިޔެ

ޚާޝޫޤްޖީ މަރާލީ ވަލީ އަހުދުގެ އަމުރަށް: ރިޕޯޓު


2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީ މަރާލާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަމުރަށްކަމަށް އެމެރިކާގެ އިންޓެލިޖެންސުން ނިންމައިފިއެވެ.

ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގައި އެމެރިކާއިންވަނީ ޚާޝޫޤްޖީގެ މަރާއި ގުޅޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ޚާޝޫޤްޖީގެ މަރުގެ ހާދިޘާގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ޢަދާކުރައްވާފައިވާ ދައުރު ބަޔާންކޮށްފައި އޮތުމުން ވަލީ އަހުދާއި ޚާޝޫޤްޖީގެ މަރާއި ގުޅުން އޮތްކަމަށް ދެކެވެމުން ދިޔަ ވާހަކަތައްވަނީ ޔަޤީންވެފައެވެ.

ވޮޝިންޓަން ޕޯސްޓުގެ ކޮލަމޮނިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޚާޝޫޤްޖީއަކީ ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ނޫސްވެރިއެކެވެ. އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިގޮތަކަށް އޭނާ މަރާލާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ އޭޖެންޓުންތަކެކެވެ. ޚާޝޫޤްޖީ މަރާލި ދުވަހު ކޮންސިއުލޭޓު ހުންނަ އިމާރާތަށް އޭނާ ވަދެފައިވަނީ ކައިވެނިކުރުމަށް ބޭނުންވާ ޙުއްދަތަކެއް ހޯދުމަށެވެ.

2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނޫސް އިދާރާތުންވަނީ ޚާޝޫޤްޖީ މަރާލުމުގެ އަމުރު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭއިން ނިންމާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެ ތުހުމަތުތަކަށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ދެކޮޅު ހައްދަވައެވެ. ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާއި ދެކޮޅަށް އެފަދަ ތުހުމަތުތައް ކުރެވެމުން ދިޔަ ނަމަވެސް އޭރު އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޑޮނަލްޑް ޓްރަންޕުވަނީ ސަޢުދީ ޢަރަބިއްޔާއާއި މުޙައްމަދު ބިން ސަލްމާންއާއިއެކު ގުޅުން ބަދަހިކުރައްވާފައެވެ.

ކުރީގެ ރައީސް ޓްރަންޕުގެ ސަރުކާރުންވަނީ ޚާޝޫޤްޖީގެ މަރާއި ގުޅޭގޮތުން އެ ޤައުމުގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާންމު ނުކޮށް ހިފަހައްޓާފައެވެ. 2019ވަނަ އަހަރުގެ ތެރޭގައި އެ ރިޕޯޓު އާންމުކުރުން ލާޒިމްކޮށް އެ ޤައުމުގެ ކޮންގުރެސުން ޤާނޫނެއް ފާސްކުރުމުންވެސް ޓްރަންޕުގެ ސަރުކާރުން އެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ޚާޝޫޤްޖީގެ މަރާއި ގުޅިގެން އެމެރިކާއިން އަޅާނެ ފިޔަވަޅުތައް އިޢުލާނުކުރާނެކަމަށް ބައިޑަންގެ ސަރުކާރުންވަނީ ބުނެފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓް ބިނާކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ ނިންމުންތަކަށް ވަލީ އަހުދު ބާރުފޯރުވާ މިންވަރުގެ މައްޗަށެވެ. އޭގެ އިތުރުން ޚާޝޫޤްޖީގެ މަރުގެ ހާދިޘާގައި ވަލީއަހުދުގެ މުހިންމު މުޝީރަކާއި ފާރަވެރިއެއްގެ ބައިވެރިވުން އޮތުމުގެ މައްޗަށެވެ.

އެ ރިޕޯޓުގައި ބުނީ 2017ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ކަންކަމާއި ޖާސޫސީ އޮޕަރޭޝަންތަކުގެ މައްޗަށް ވަލީއަހުދުގެ ފުރިހަމަ ބާރު އޮތްކަމަށާއި، ވަލީއަހުދުގެ ބައިވެރިވުމާއި ނުލާ ޚާޝޫޤްޖީ މަރާލުން ފަދަ ޖަރީމާއެއް ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ހިންގާފައިވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

އެ ރިޕޯޓުގައި ބުނީ ޚާޝޫޤްޖީއަކީ ސަޢުދީ ޢަރަބިއްޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެކިވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކާއި ހަވާލުކުރާ މަސައްކަތްތައް ފުރިހަމަ ނުކޮށްފިނަމަ އެމީހުން ވަޒީފާއިން ވަކިކުރާނެކަމުގެ ނުވަތަ ހައްޔަރުކުރާނެކަމުގެ ބިރު އެ ފަރާތްތަކަށް އޮތްކަމަށެވެ.

ހަތަރު ޞަފްހާގެ ރިޕޯޓުގައިވަނީ ޚާޝޫޤްޖީގެ މަރުގައި ބައިވެރިވި ނުވަތަ އޭނާގެ މަރާއި ގުޅުންހުރި 21 މީހެއްގެ ނަން ބަޔާންކޮށްފައެވެ. އިސްތަންބޫލުގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނަކީ ކުރިއަށް ރާވައިގެން ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނެއް ނަމަވެސް ޚާޝޫޤްޖީ މަރާލުމަށް ނިންމާފައިވަނީ ކޮން ހިސާބަކުންކަން ނޭނގޭކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އަދި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކަށް ޚާޝޫޤްޖީ މަރާލަފާނެކަން އެނގިފައިނުވުން އެކަށީގެންވާކަމަށްވެސް މި ރިޕޯޓުގައިވަނީ ބުނެފައެވެ.