ދުނިޔެ

ނައިޖީރިއާގެ ސްކޫލަކުން 300 ވުރެ ގިނަކުދިން ވަގަށް ނަގައިފި


ނައިޖީއިރާގެ ހުޅަނގު އުތުރުގެ ސަރަޙައްދެއްގައި ހުރި ބޯޑިން ސްކޫލަކުން 300 އަށްވުރެ ގިނަ އަންހެން ދަރިވަރުން ވަގަށް ނަގައިފިއެވެ. މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ސަރަޙައްދުގެ ސްކޫލަކުން ދަރިވަރުން ވަގަށް ނެގި ދެވަނަ ފަހަރެވެ.

ނައިޖީރިއާގެ ފުލުހުން ބުނީ ކޮން ބައެއްކަން ނޭނގޭ ހަތިޔާރު އެޅި ގުރޫޕަކުން ޖެންގެބޭ ކިޔާ އަވަށެއްގައި ހުންނަ ގަވަމަންޓް ގާލްސް ސައިންސް ސެކަންޑަރީ ސްކޫލަށް ވަދެ ބަޑިޖަހާ ބިރުދެއްކުމަށްފަހު 317 ދަރިވަރުން ވަގަށް ނަގާފައިވާކަމަށެވެ. މިކަން އެމީހުން ކޮށްފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. ވަގަށް ނެގި ކުދިންގެ ތެރެއިން ބައެއް ކުދިން ވެހިކަލްތަކުގައި އުފުލިއިރު އަނެއް ބައިކުދިން ގެންގޮސްފައިވަނީ ފައިމަގުގައެވެ.

ވަގަށް ނަގާފައިވާ ކުދިންގެ ތެރެއިން ބައެއް ކުދިން ފޮރުވާފައިވަނީ ގަސްބޯ ޖަންޖައްޔެއްގައިކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު ނައިޖީރިޔާގެ ޒަމްފަރާ ސްޓޭޓުގެ ފުލުހުންދަނީ އެ ކުދިން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނައިޖީރިއާގެ މަދަރުސާތަކަށް ވަދެ ކުދިން ވަގަށް ނަގަން ފަށާފައިވަނީ ބޯކޯ ހަރާމް އާއި އައިއެސްގެ ހުޅަނގު އެފުރިކާ ޕްރޮވިންސު ޖަމާޢަތުންނެވެ. ނަމަވެސް ހުޅަނގުއުތުރުގައި ހަރަކާތްތެރިވާ އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުންވެސް މިހާރުވަނީ އެފަދަ ހަމަލާތައް ދޭން ފަށައިފައެވެ. ބެލެވޭ ގޮތުގައި ނައިޖީރިއާގައި އެފަދަ ޙަމަލާތައް އިތުރުވެފައިވަނީ ވަގަށް ނަގާ ކުދިން އަނބުރާ ހޯދުމަށް ސަރުކާރުން އެފަދަ ޖަމާޢަތްތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދޭތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ކުދިން ސަލާމަތްކުރުމަށް އެކުދިން ވަގަށް ނަގާ ފަރާތްތަކަށް ފައިސާ ދީފައިނުވާނެ ކަމަށް ނައިޖީރިޔާ ސަރުކާރުން ބުނެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ގޮތް ނޭނގޭ ބަޔަކުވަނީ ނައިގާ ސްޓޭޓުގެ ބޯޑިންގ ސުކޫލަކަށް ޙަމަލާދީ، 27 ދަރިވަރުން ހިމެނޭގޮތަށް 42 މީހުން ވަގަށް ނަގާފައެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ވަނީ މަރާލާފައެވެ. އެ ފަހަރު ވަގަށް ނެގި އެއްވެސް ކުއްޖަކު މިހާތަނަށް ދޫކޮށްލާފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހަތިޔާރު އެޅި ބަޔަކުވަނީ ނައިޖީރިއާގެ ކަޓުސިނާ ސްޓޭޓުގެ މަދަރުސާއެއްގެ 344 ފިރިހެން ދަރިވަރުން ވަގަށް ނަގާފައެވެ. އެކުދިން ވަގަށް ނެގިތާ 6 ދުވަސް ފަހުން އެ ކުދިންވަނީ ދޫކޮށްލާފައެވެ.