ކުޅިވަރު

ކުޅުންތެރިން ކްލަބްތަކުން މާކެޓް ހުޅުވުމުގެ އިންތިޒާރުގައި


ކޮންމެ އަހަރެއްގެ ފުޓްބޯޅަ ސީޒަނެއްވެސް ނިމޭއިރަށް އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާ އެއްކަމަކީ ޓްރާންސްފަރ މާކެޓްގައި ކުޅުންތެރިން ގަނެވިއްކުމުގެ ވިޔަފާރިއެވެ. މިގޮތުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ބޮޑު ޓްރާންސްފަރ ފީއެއް ދީފައި އެއް ކްލަބުން އަނެއް ކްލަބަށް ގެންދިއުމަށް ދުނިޔޭގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ކުރާއިރު ކްލަބްތަކުން މިފަދަ ކުޅުންތެރިންނަށް ކަނޑައަޅާ ބޮޑު ޓްރަންސްފަރ ފީގެ ސަބަބުން ކްލަބް ބަދަލުނުވެވޭ ކުޅުންތެރިންވެސް މަދެއް ނޫނެވެ. ނަމަވެސް މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމެން ގާތްވެފައިވާއިރު ޓްރާންސްފަރ މާކެޓް ހުޅުވުމަށް އިންތިޒާރުކުރާ ގިނަ ކްލަބްތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ފާހަގަކޮށްލޭވޭ ގިނަ ތަރިންތަކެއް ޓްރާންސްފަރ ފީއަކާއި ނުލާ ފްރީ ޓްރަންސްފަރ އެއްގައި ކްލަބް ބަދަލުވުމުގެ ފުރުސަތު ލިބިފައިވުމެވެ.

ފްރީ ޓްރާންސްފަރގައި ކްލަބް ބަދަލުވުމުގެ ފުރުސަތު ލިބިފައިވާ ކުޅުންތެރިންގެ ތެރެއިންވެސް އެންމެ ފަހަގަކޮށްލެވޭ ކުޅުންތެރިއަކީ ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ލިއޮނެލް މެސީއެވެ. އަޅުގަނޑުމެން އެންމެން ދަންނަ ލިއޮނެލް މެސީ އާއި އެފް.ސީ. ބާސެލޯނާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިފަހަރުގެ ސީޒަނާއެކު ނިމުމަކަށް އަންނާނެއެވެ. އަދި ބާރސާގައި އޭނާގެ މުޅިހަޔާތް ހޭދަކޮށްފައިވާ މެސީއަށް މިހާރު ސްޕެއިން އިން ބޭރުގެ ކްލަބްތަކާއެކު ކްލަބް ބަދަލުވުމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތެވެ. މެސީ ފްރީ ޓްރާންސްފަރ އެއްގައި ބަދަލުވުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާގެ މުސާރަ އާންމުކޮށް ކުޅުންތެރިއެއްގެ ޓްރާންސްފަރ ފީއަށް ހޭދަވާނެ ވަރަށް ވުރެވެސް މާބޮޑެވެ. އެހެން ކަމުން އޭނާ ގެންދިއުމަށް އަމާޒު ހިފާފައިވާ ކްލަބްތަށްވެސް އެއްއަތުން ގުނާލެވޭހާ މަދެވެ. އާޖެންޓީނާއަށް އުފަން މެސީވަނީ މިފަހަރުގެ ސީޒަން ފެށުމުގެ ކުރިންވެސް ކްލަބް ބަދަލުކުރުމަށް މަސައްކަތް ކޮށްފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ބާރސާގައި ކަންތައްތައް ހިނގަމުންދިޔަ ގޮތާމެދު މެސީ ހިތްހަމަ ނުޖެހުމެވެ. މިގޮތުން ބާރސާގައި މެސީއަށް ކުރިން ކޯޗުކޮށްދިން ޕެޕް ގާޑިއޯލާއާއެކު އަނެއްކާވެސް މަސައްކަތް ކުރުމަށްޓަަކައި މެންޗެސްޓަރ ސިޓީއަށް ބަދަލުވުމުގެ އަޑު ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ. ނަމަވެސް އެންމެފަހުން ބާރސާއިން އޭނާ ދޫކޮށްލަން އެއްބަސް ނުވުމުން އޭނާ މަޑުކުރީއެވެ. ނަމަވެސް މިފަހަރު މެސީ ބޭނުންނަމަ ބާރސާއަށް އޭނާ ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތެވެ. ބާރސާގައި މިވަގުތު ދައިމީ ރައީސް އަކު ނެތުމާއި ރައީސް ކަމުގެ އިންތިހާބު ބޭއްވުން ކައިރިވެފައިވާއިރު މިއިންތިހާބްގައި ވާދަކުރާ ގިނަ ކެނޑިޑޭޓުން ވަނީ މެސީ ބާރސާގައި ބެހެއްޓުމަށް މަސައްކަތް ކުރާނެކަމަށް ވައުދުވެފައެވެ. މިފަހަރު މެސީ ގެންދިއުމަށް ފާޅުގައި މަސައްކަތް ކުރަމުންދަނީ ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖަރމެއިންއެވެ. އެކްލަބުންވަނީ އެޓީމުން މެސީ ގެންދަން ވަރަށް ބޭނުންކަން ހާމަކޮށްފައެވެ. އަދި ބާރސާގައި ކުރިން އެއްކޮށް ކުޅުނު ބްރެޒިލްގެ ތަރި ނޭމާވެސް ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީއާއެކު ކުޅެއް ބޭނުންވާކަން ހާމަކޮށް އޭނާގެ ގާތް އެކުވެރިޔާ ޕީ.އެސް.ޖީއަށް ބަދަލުވުމަށް އެދިފައެވެ. ދެން އެންމެ ފާހަގަކޮށްލެވަނީ މެންޗެސްޓަރ ސިޓީއެވެ. ނަމަވެސް މިފަހަރު ސިޓީއިން އަދި ފާޅުކަން ބޮޑު ގޮތެއްގައި މެސީގެ ވާހަކަ ދައްކަމުންނެތް ނުދެއެވެ. މެސީ ހާމަކުރާގޮތުގައި އޭނާގެ މުސްތަގްބަލާމެދު ގޮތެއް ނިންމާނީ މިފަހަރުގެ ސީޒަން ނިމުމުންނެވެ. އަދި މެސީ ބާސެލޯނާ ދޫކޮށްލަފާނެތޯ މިއީ އެންމެންވެސް ހިތާހިތާ ކުރަމުންދާ ސުވާލެކެވެ.

ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑްގެ އެއް ތަނބުގެ ގޮތުގައި ފާހަގަވެފައިވާ ޓީމްގެ ކެޕްޓަން ސަރޖިއޯ ރާމޯސްއަކީ މިރިޕޯޓްގައި އަޅުގަނޑުމެން ފާހަގަކޮށްލާ ދެވަނަ ކުޅުންތެރިޔާއެވެ. ރެއާލްއަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗް ކުޅެދީ ސަތޭކަ ލަނޑު ޖަހާދީފައިވާ ރާމޯސް އާއި ރެއާލްއާއި ދެމެދު ހަދާފައިވާ އެއްބަސް ވުން މިސީޒަނާއި އެކު ނިމުމަކަށް އަންނާނެއެވެ. އަދި ރެއާލްއިންވަނީ ރާމޯސްގެ އެއްބަސްވުން އާކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ނަމަވެސް ރާމޯސް އާއި ރެއާލްއާއި ދެމެދު ދެކެވުނު ވާހަކަތައް ކޮޅެއް ގައި ނުޖެހި ދިގުލައިގެންގޮސް ރާމޯސްވަނީ ކްލަބުން ހުށަހެޅި ފުރަތަމަ އޮފަރ ޤަބޫލް ނުކުރާކަން ހާމަކޮށްފައެވެ. އަދި މިއާއެކު އާ ސީޒަންގައި ރާމޯސް އެހެން ކްލަބަކުން ފެނިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ވާހަކަ ދެކެވެމުންދެއެވެ. ރެއާލްއިން ރާމޯސްގެ އެއްބަސްވުން އާ ކުރަން އެއްބަސްވަނީ އޭނާއަށް މިހާރު ދޭ މުސާރަ އަށްވުރެ ކުޑަ މުސާރައަކަށް އެއްއަހަރު ދުވަހުގެ އެއްބަސްވުމަކަށް އެއްބަސްވާނަމައެވެ. ނަމަވެސް ރެއާލްއިން އަދިވެސް އަންނަނީ ރާމޯސް އެޓީމްގައި ބެހެއްޓުމަށްޓަކައި އިތުރަށް އޭނާއާ ވާހަކަ ދައްކަމުންނެވެ.

އިޓާލިއަން ސެރީއާގެ އޭސީ މިލާންގެ ގޯލް ބަލަހައްޓަކުންދާ ޖިއާންލުއިޖީ ޑޮނަރޫމާއަކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ކީޕަރުންގެ ތެރެއިންއެއް ކީޕަރެވެ. އަދި މިސީޒަންގައި މިލާނުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި ޑޮނަރޫމާގެ ހިއްސާ ވަރަށް ބޮޑެވެ. ނަމަވެސް މިލާނާއި އެކު ހަދާފައިވާ އެއްބަސްވުން މިސީޒަނާއި އެކު ނިމުމަކަށް އަންނައިރު ޑޮނަރޫމާ އާއި މިލާނާއި ދެމެދު އަދިވަނީ އެއްބަސްވުން އާކުރުމާމެދު އެއްބަސްވުމަކަށް ނާދެވިފައެވެ. ޑޮނަރޫމާ ޤަބޫލް ކުރާގޮތުގައި މިހާރު މުހިންމީ އެއްބަސްވުމުގެ ވާހަކަ ދެއްކުމަށްވުރެ ޓީމުން މިހާރު ކުރަމުންދާ މަސައްކަތް ކާމިޔާބުކޮށް މިފަހަރުގެ ލީގު ކާމިޔާބު ކުރުމެވެ. މިސީޒަނަށްފަހު ޑޮނަރޫމާ ކްލަބް ބަދަލުކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް މިލާނުން ޤަބޫލް ކުރާގޮތުގައި އުމުރުން 16 އަހަރުގައި މިލާނުގެ ސީނިއަރ ޓީމަށް ކުޅެން ފެށި މި ކުޅުންތެރިޔާ ގިނަ އަހަރު ތަކެއް ވަންދެން އެކްލަބްގައި ދެމި ހުންނާނެއެވެ.

ފްރީ ޓްރާންސްފަރގައި ކްލަބް ބަދަލުވުމުގެ ފުރުސަތު އޮތް އަނެއް ކުޅުންތެރިޔަކީ އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ މެދުތެރެއަށް ކުޅޭ ޖިއޯޖިއޯ ވައިނާލްޑަމްއެވެ. ނެދަލަންޑްސްއަށް އުފަން މި ކުޅުންތެރިޔާ މިސީޒަންގައި ބާސެލޯނާއަށް ބަދަލު ވެދާނެކަމަށް ވާހަކަ ފެތުރުނު ނަމަވެސް އެނާ ނިންމީ މިސީޒަންގައި ލިވަޕޫލްގައި މަޑު ކުރުމަށެވެ. އަދި ލިވަޕޫލާއި އެކު ހަދާފައިވާ އެއްބަސް ވުން އާކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވެމުން ނުދާތީ މިސީޒަނަށްފަހު ލިވަޕޫލް ދޫކޮށްފައިދާ އެއް ކުޅުންތެރިޔަކަށް ވައިނާލްޑަމް ވެގެން ދާނެކަމަށްވަނީ ބެލެވިފައެވެ. އޭނާ ގެންދިއުމަށް ކުރިން ނެދަލަންޑްސް ޤައުމީ ޓީމަށް ކޯޗް ކޮށްދިން އަދި މިހާރު ބާސެލޯނާގެ ކޯޗް ރޮނާލްޑް ކޫމަން ވަރަށް ބޮޑަށް ބޭނުންވިއެވެ. ވައިނާލްޑަމް ހާމަކުރާގޮތުގައި ބާރސާއަށް ކުޅުމަކީ އޭނާ ކުޑައިރުން ފަށައިގެން ދެކެމުން އައި ހުވަފެނެކެވެ. އެހެންކަމުން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު މިފަހަރު އެބައޮތެވެ. ނަމަވެސް ވައިނާލްޑަމް ހާމަކުރާގޮތުގައި އޭނާގެ މުސްތަގްބަލާމެދު ގޮތެއް ނިންމާނީ މިފަހަރުގެ ސީޒަން ނިމުމުންނެވެ.

މިރިޕޯޓްގައި ފާހަގަކޮށްލާނެ އެންމެ ފަހު ކުޅުންތެރިޔަކީ ޕެރިން ސެއިންޓް ޖަރމެއިން އަށް ކުޅެމުންދާ އާޖެންޓީނާގެ ތަޖްރިބާކާރު ކުޅުންތެރިޔާ އެންޖެން ޑި މާރިއާއެވެ. ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ ޑި މާރިއާ އާއި ޕީއެސްޖީ އާ ދެމެދުގައި ހަދާފައިވާ އެއްބަސްވުން މިސީޒަނާއެކު ނިމުމަކަށް އަންނާނެއެވެ. ޑި މާރިއާވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާ އެޓީމަށް އެކާމިޔާބީތައް ހޯދުމުގައި އެހީތެރިވެދީފައެވެ. އުމުރުން 32 އަހަރުގެ މި ކުޅުންތެރިޔާ އޭނާގެ މުސްތަގްބަލާމެދު މާބޮޑަށް ހާސްވެގެން އުޅޭ ތަނެއް ނުފެއެވެ. ޔަގީންވާ އެއްކަމަކީ އެހެން ކުޅުންތެރިން ފަދައިން ޑި މާރިއާ ގެންދިއުމަށްވެސް ލޯއަޅަމުންދާނެ ކްލަބްތައް މަދު ނުވާނެކަމެވެ.