ކުޅިވަރު

ފޯމިއުލަރ ވަން ގައި ވާދަކުރާ ފެރާރީގެ އާ ޓީމް ލޯންޗް ކުރުން ބާއްވައިފި


ފޯމިއުލަރ ވަން ކާރު ރޭހުގައި ވާދަކުރާ އެންމެ ކާމިޔާބު އެއް ޓީމް ކަމަށްވާ ފެރާރީގެ އާ ޓީމް ލޯންޗް ކުރުން ބާއްވައިފިއެވެ. މިގޮތުން ޓީމް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެޓީމްގެ ދެ ދުއްވުންތެރިންވަނީ ތައާރަފްކޮށްފައެވެ.

އާ ސީޒަނާއި ކުރިމަތިލާއިރު ފެރާރީ ޓީމުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ތަޖްރިބާކާރު ދުއްވުންތެރިޔާ ސެބަސްޓިއަން ވެޓެލްގެ ބަދަލުގައި ކާލޯސް ސެއިންޒް އެޓީމްގައި ހިމެނުމެވެ. މިއާއެކު މިސީޒަންގައި ފެރާރީގެ މައި ޑްރައިވަރަކަށް ވެގެންދާނީ ޒުވާން ދުއްވުންތެރިޔާ ޗާލްސް ލެކްލަރކްއެވެ. މިރަސްމިޔާތުގައި ވާހަކަ ދައްކަމުން ލެކްލަރކް ހާމަކުރިގޮތުގައި މިސީޒަނަށް އެޓީމުން ހަދާފައިވާ އާކާރާއެކު ފެރާރީއިން ރަނގަޅު ފިޔަވަޅުތަކެއް މިފަހަރު އަޅާފައިވާ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިފަހަރު ކާރުގެ ދުވެލި ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކާރުގެ އަސްލު ފެންވަރު އެނގިގެންދާނީ އެހެން ޓީމްތަކުން އެޓީމްތަކުގެ ކާރުތަކަށް ގެނެސްފައިވާ ބަދަލުތައް ފެނި ކާރު ޓެސްޓް ކޮށްލުމުން ކަމަށް ލެކްލަރކް ހާމަކުރިއެވެ.

މިދިޔަ ސީޒަން ވެގެން ދިޔައީ ފެރާރީއިން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ކުރިމަތިލި އެންމެ ނާކާމިޔާބު ސީޒަނަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ކާރުގެ ދުވެލި މަޑު ވުމެވެ. އެހެންކަމުން މިސީޒަނަށް ފެރާރީއިންވަނީ އާ އިންޖީނެއް ހަދާފައެވެ. އަދި މިދިޔަ ސީޒަންގައި ދިމާވި މައްސަލަ މިފަހަރު މާބޮޑަށް ދިމާ ނުވެ، އެހެން ޓީމު ތަކާއެކު ކުރީ ސަފުގައި ފެރާރީގެ ޓީމަށް ވާދަކުރެވޭނެ ކަމަށް އުންމީދު ކުރާކަމުގައި އެޓީމުންވަނީ ހާމަކޮށްފައެވެ. ފެރާރީގެ ޓީމް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޓީމްގެ އާ ކާރު އެސްއެފް ޓްވެންޓީވަން ދައްކާލާފައެއް ނުވެއެވެ. ޤަބޫލް ކުރެވޭގޮތުގައި ފެރާރީއިން އެޓީމްގެ އާ ކާރު އާންމު ކުރާނީ މާރޗްމަހުގެ 10 ވަނަ ދުވަހުއެވެ.