ކުޅިވަރު

މައޭމީ ހީޓް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ހީޓް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މައޭމީ ހީޓް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ހީޓް ކާމިޔާބުކޮށްފިއެވެ. މިމެޗް ހީޓް ކާމިޔާބުކުރީ 124 ޕޮއިންޓް 116 ޕޮއިންޓުންނެވެ.
މިސީޒަންގައި އެންމެ ރަނގަޅު ރިކޯޑެއް އޮތް ޔޫޓާގެ މައްޗަށް ހީޓުން ކާމިޔާބު ހޯދުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާން ކަން ލިބިގެންދިޔަ ކަމަކަށެވެ. މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މިމެޗްގައި ހީޓަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 8 އެސިސްޓް ކުރި ޖިމީ ބަޓްލަރއެވެ. އަދި ޖޭޒަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ.

މި މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ކައުހީ ލެއޮނާޑްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދަދީ 11 އެސިސްޓް ކުރި ޖޯނަސް ވެލަންސިއުނާސްއެވެ. މީގެ އިތުރުން ފީނިކްސް ސަންސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑީންޑްރޭ އައިޓަން އާއި ޑެވިން ބޫކަރ އިން ކުރެ ކޮންމެ ކުޅުންތެރިއެއް 22 ޕޮއިންޓް އެޓީމަށް ހޯދައިދީފައިވާއިރު ބުލްސްގެ ޒެކްލެވީންވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީފައެވެ.

މި މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 112 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކޮށްފައިވާއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ.