ދުނިޔޭގެ ވިޔަފާރި

އެއަރ ބީއެންބީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 30 އިންސައްތަ ދަށަށް


ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުތަކަށް އައި ހުއްޓުމާ އެކު އެއަ ބީއެންބީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 30 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

އެއަރ ބީއެންބީއިން އާއްމުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު އެކުންފުންޏަށް ލިބިފައިވަނީ 3.4 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ 2019ވަނަ އަހަރާ އަޅާ ބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ.

އެއަރ ބީއެންބީއަކީ ގެސްޓުހައުސްތަކާއި ކުއްޔަށް ދޫކުރާ ގެތަކާއި ގުޅޭ މައުލޫމާތު ހިމެނޭ، އަދި އެފަދަ ތަންތަނަށް ދިޔުމަށް ބުކިންގ ހަދާލެވޭ ވެބްސައިޓެކެވެ. މިއީ ދަތުރުކުރާ މީހުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ވެބްސައިޓެކެވެ.

އެއަރ ބީއެންބީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 30 އިންސައްތަ ދަށްވެފައިވީ ނަމަވެސް މިއީ އެހެން ޓްރެވަލް ކުންފުނިތަކަށް މިދިޔަ އަހަރު ލިބުނު ގެއްލުމާއި އަޅާ ބަލާއިރު އެހާބޮޑު ދަށްވުމެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކޯވިޑް-19އަށް ވެކްސިންދޭން ފަށާފައިވާއިރު، މިއަހަރުތެރޭ ތަންތަނަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެއަރ ބީއެންބީ އިން ލަފާކުރެއެވެ. އެހެންނަމަވެސް އިތުރުވެގެންދާނެ މިންވަރެއް ހާމަކުރަން އަދި އަވަސް ކަމަށް އެއަރ ބީއެންބީއިން ހާމަކުރެއެވެ.

އެއަރ ބީއެންބީއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުގެ ދަތުރުފަތުރަށެވެ. ޚާއްސަކޮށް އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އަދި އިޓަލީއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އެއަރ ބީއެންބީއިން ހާމަކުރެއެވެ.